ޚަބަރު

ޓައިވާނަށް އައި ބިންހެލުމުގައި އެކަކު މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ތައިވާނުގެ އިރުދެކުނުގައިވާ ސަރަޙައްދުތަކަށް ބާރުގަދަ ބިންހެލުމަށް އައިސް، ބޮޑެތި ގެއްލުންތައް ލިބި، ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެއްޖެއެވެ. ބިންހެލުމާ ގުޅިގެން މިހާތަނަށް އެކަކު މަރުވެފައިވާ ކަމަށާއި، އިތުރު 146 މީހަކަށް އަނިޔާވި ކަމަށް ތައިވާނުގެ އޮފިޝަލުން ބުނެއެވެ.

Ads by MWSC

ރިކްޓަރ މިންގަނޑުން 6.8 ގައި ރެކޯޑު ކުރެވިފައިވާ މި ބިންހެލުން އައިސްފައި ވަނީ ޓައިޓުންގ ކައުންޓީއަށެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ބުނެފައި ވަނީ މި ބިންހެލުމުގެ ބާރުމިން ރިކްޓަރ މިންގަނޑުން 7.2 އަށް އަރާ ކަމުގައެވެ. ބިންހެލުމުގައި އަނިޔާވި މީހުންނަށް ޞިއްޙީ ފަރުވާ ދިނުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ބިންހެލުމާ ގުޅިގެން ޓައިޓުންގ ކައުންޓީއާއި އެ ރަށް ކައިރީގައި އޮންނަ ހިސާބުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ރޭލުތައް ދަގަނޑުތައް މަތިން ވެއްޓި، ބައެއް ޢިމާރާތްތައް ވެއްޓި، ގިނަ އަދަދެއްގެ މަގުތަކަށް ގެއްލުންވިއެވެ. އަދި، ބުރިޖުތައް ވެއްޓި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވި ކަމަށް ވެސް ތައިވާނުގެ އޮފިޝަލުން ބުނެއެވެ.

މަގުތަކަށް ގެއްލުން ލިބުމުގެ ސަބަބުން ފަރުބަދަމަތީ ދެ ރަށެއް ކަމުގައިވާ ޗީކޭއާއި ލިއުޝީޝީގައި 600 އަށްވުރެ ގިނަ މީހުން ތާށިވެފައިވާ ކަމުގައި ޓައިވާނުން ބުނެއެވެ. މި ބިންހެލުމާ ގުޅިގެން ޓައިވާނުގެ ސަރަޙައްދުތަކަށް ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދިން ނަމަވެސް، ފަހުން އެ އިންޒާރު ވަނީ ބާތިލު ކޮށްފައެވެ. ޖަޕާނުގެ އޮކިނާވާ ޕުރިފެކްޗަރއަށް ވެސް ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދީފައިވެއެވެ.

ތައިވާން އޮންނަ ސަރަޙައްދަކީ ބިންހެލުންތައް ގިނަ ހިސާބެކެވެ. 2016 ވަނަ އަހަރު ތައިވާނަށް އައި ބިންހެލުމެއްގައި 100 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި، 1999 ވަނަ އަހަރު އައި ރިކްޓަރ މިންގަނޑުން 7.3ގެ ބާރުގަދަ ބިންހެލުމެއްގައި 2,000 އަށްވުރެ ގިނަ މީހުން މަރުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!