އިމްރާން ޚާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ބާތިލުކުރަން އެ ގައުމުގެ ކޯޓަކުން އަމުރުކޮށްފިއެވެ.
އިސްލާމްއާބާދުގެ ހައި ކޯޓުން އިއްޔެ ބުނީ ހާން ދެއްކެވި ވާހަކަތައް، ޕާކިސްތާނުގެ ހަރުކަށި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާތަކެއް ނުއުފުލޭނެ ކަމަށާ އަދި އެ ގާނޫނުގެ ދަށުން ދައުވާކޮށްފި ނަމަ، އުމުރު ދުވަހުގެ ޖަލު ހުކުމަކާއި މަރުގެ ހުކުމް ވެސް އަންނާނެ ކަމަށެވެ.
އިމްރާން، 69،ގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ، މިދިޔަ މަހުގެ 20 ވަނަ ދުވަހު އިސްލާމްއާބާދުގައި ބޭއްވި އާންމު އެއްވުމެއްގައި ފުލުހުންގެ އޮފިޝަލުންނާއި އަންހެން ފަނޑިޔާރަކަށް ނިސްބަތްކޮށް ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އިމްރާން ފުލުހުންގެ ވެރިންނާއި ފަނޑިޔާރަށް ފާޑުކީ އިމްރާންގެ އިސް އެހީތެރިއެއް ކަމަށްވާ ޝަހްބާޒް ގިލް ހައްޔަރު ކުރުމުގެ އަމުރު އެ އަންހެން ފަނޑިޔާރު ނެރުމުންނެވެ.
ހާންގެ ސަރުކާރު މިދިޔަ އޭޕްރީލް މަހު ރައްޔިތުންގެ މަޖިލީހުން ވައްޓާލީ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ފަހުއެވެ.
އޭގެ ފަހުން އޭނާ ގެންދަވަނީ ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި އާންމު އެއްވުންތައް ބާއްވައި އަވަސް އިންތިހާބަކަށް ވަކާލާތު ކުރައްވަމުންނެވެ. މިހާރު އޮތް ގޮތުން އިންތިހާބެއް އޮންނާނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.