ޚަބަރު

ޓައިވާން ދިފާއު ކުރައްވާނެ ކަމަށް އަނެއްކާވެސް ބައިޑަން ވިދާޅުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން ޓައިވާނަށް ހަމަލާއެއް ދީފި ނަމަ އެމެރިކާއިން ޓައިވާނުގެ ދިފާއުގައި ނުކުންނާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.

Ads by MWSC

ސީބީއެސް އަށް ދެއްވި އިންޓަވިއުއެއްގައި ޓައިވާނުގެ ދިފާއުގައި އެމެރިކާ ސިފައިން ނުކުންނާނެތޯ ސުވާލުކުރުމުން ބައިޑަން ވަނީ، "ކުއްލި ހަމަލާއެއް ދީފިކަމުގައި ވަނީ ނަމަ" އެމެރިކާ ސިފައިން ނުކުންނާނެ ކަމަށް ޖަވާބު ދެއްވާފައެވެ.

ބައިޑަންގެ މި ޖަވާބާ އެކު، ޓައިވާނާ މެދު އެމެރިކާއިން ގެންގުޅޭ އަސްކަރީ ވިސްނުމާ މެދު ސުވާލުތަކެއް  ވަނީ އުފެދިފަ އެވެ. ވޮޝިންޓަނުގެ ރަސްމީ ސިޔާސަތުގެ ދަށުން ޓައިވާނަށް އަސްކަރީ އެހީތެރިކަން ދޭން ޖެހުނުކަމުގައި ވިޔަސް އެކަން އެގޮތަށް ކުރާނެ ކަމަށް ކަނޑައެޅިގެން ބުނެފައެއް ނެތެވެ.

ބައިޑަންގެ މި އިންޓަވިއުއަށް ބެއިޖިންގް އިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި މި އިންޓަވިއުއާ ގުޅިގެން ޗައިނާގެ ކަންބޮޑުވުންތައް ހަރުކަށިކަމާ އެކު ވޮޝިންޓަނާ ހިއްސާކޮށްފައިވާ ކަމަށް ޗައިނާގެ ހާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

މިއީ ޓައިވާނުން މިނިވަންކަން އިއުލާނު ކުރުމަށް އެމެރިކާއިން ހިތްވަރު ދިނުން ނޫން ކަމުގައި ސީބީއެސް އަށް ދެއްވި އިންޓަވިއުގައި ބައިޑަން ވަނީ ފާހަގަކުރައްވާފަ އެވެ.

"ވަން ޗައިނާ ސިޔާސަތެއް އެބަ އޮތް އަދި ޓައިވާނުގެ މިނިވަންކަމާ ބެހޭ ނިންމުންތައް ނިންމާނީ އެމީހުން އަމިއްލައަށް. އެކަމަށް އަހަރެމެން ފިޔަވަޅެއް ވެސް ނާޅަން، ހިތްވަރެއް ވެސް ނުދެން،" ބައިޑަން ވިދާޅުވި އެވެ.

ބައިޑަންގެ އިންޓަވިއުއާ ގުޅިގެން ޓައިވާނުން ވަނީ "އެމެރިކާ ސަރުކާރުން ޓައިވާނާ އެކު ބާއްވަމުން އަންނަ ނުގުޑާ ފަދަ ސަލާމަތީ ގުޅުމަށް" މަރުހަބާ ކިޔާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!