އިންޑިއާއާއި ސައުދީއިން ވިޔަފާރި ކުރާ އެ ޤައުމުތަކުގެ ފައިސާ ބޭނުން ކުރަނީ
އިންޑިއާ އާއި ސައޫދީ އަރަބިއްޔާއާ ދެމެދު ކުރެވޭ ވިޔަފާރި މުއާމަލާތްތަކުގައި ދެ ގައުމުގެ ގައުމީ ފައިސާ ބޭނުންކުރަން ވިސްނަމުންދާ ކަމަށް އިންޑިއާގެ ކޮމާސް މިނިސްޓްރީގެ ބަޔާނެއްގައި ބުނެފިއެވެ.
އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕިޔޫޝް ގޯޔަލް މިދާކަށް ދުވަހު ސައޫދީ އަށް ދެ ދުވަހުގެ ދަތުރެއް ކުރެއްވިއެވެ.
ސައޫދީ އަށް ވަޑައިގެން ގޯޔަލް "އިންޑިއާ-ސައުދީ އަރަބިއްޔާ ސްޓްރެޓެޖިކް ޕާޓްނާޝިޕް ކައުންސިލް" ބައްދަލުވުމެއްގައި ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި ބައްދަލުވުމުގެ "ކޯޗެއާ" އަކީ ގޯޔަލްއެވެ. ޗެއާމަން އަކީ ސައުދީ އެނާޖީ މިނިސްޓަރު އަބްދުލް އަޒީޒް ބިން ސަލްމާން އައްސައޫދުއެވެ.
ކޮމާސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުން ސައުދީ މާކެޓަށް އިންޑިއާގެ އޮންލައިން ޕޭމަންޓް ސިސްޓަމް، ޔުނިފައިޑް ޕޭމަންޓް ސިސްޓަމް (ޔޫޕީއައި) ތައާރުފުކުރާ ބެހޭ ގޮތުން ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެވުނެވެ.
އަދި މާސްޓާކާޑާއި ވިސާގެ ބަދަލުގައި އިންޑިއާގެ "ރުޕޭ" ކާޑް ސައޫދީގައި ބޭނުންކުރުމާ މެދު ވެސް މަޝްވަރާ ކުރެވުނެވެ.
ގޯޔަލް ވިދާޅުވި ގޮތުގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި މުއާމަލާތްތަކުގައި އެހެން ބަޔަކު [ވިސާ އާއި މަސްޓާކާޑް] ޝާމިލުވުން މައްސަލައެއް ގޮތުގައި ވަޒީރުންނަށް ފާހަގަކުރެވުނެވެ.
އެމެރިކާ ޑޮލަރަށް ބަރޯސާ ނުކޮށް ފަރުޖެއްސޭނެ ގޮތެއް ހޯދުމަށް އިންޑިއާ އާއި ޗައިނާ އަދި ރަޝިއާ ވެސް ވަނީ މަސައްކަތް ފަށާފަ އެވެ. ސައޫދީ އަރަބިއްޔާ އާއި އީރާން އަދި އަރަބި އެހެން ގައުމުތަކުން ވެސް މި ނެޓްވޯކްގައި ބައިވެރިވާނެ ކަމަށް ބެލެވެއެވެ.
އިންޑިއާ ބުނާ ގޮތުން ޑޮލަރަށް އިތުބާރުކޮށްގެން މިހާރަކު ވާކަށް ނެތެވެ. އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށް ގައުމީ ފައިސާއިން ވިޔަފާރި ކުރެވޭ ގައުމުތަކާ އެކު ވިޔަފާރި މުއާމާލާތްތައް އިތުރުކުރުން ވަރަށް މުހިންމު ކަމެއް ގޮތުގައި ވަޒީރުން ވަނީ ފާހަގަކޮށްފައެވެ.
ވޯލްޑު ބޭންކާއި އައިއެމްއެފް ބޮއިކަޓް ކުރަންވީ އެއީ ރިބާ ކާންދޭބަޔެއް ޤައުމުތަކަށް !