ޔުނީފޯމާއެކު މޫދަށް އެރި, ފަތުރުވެރިޔާ ސަލާމަތް ކުރި ފުލުސް އޮފިސަރަށް ގިނަ ބައެއްގެ ތަޢުރީފް
ކ.ގުރައިދޫގައި ސްނޯކްލިންގއަށް ގޮސް އުޅެނިކޮށް އޮޔާ ދަމައިގަތް ފަތުރުވެރިއަކު ސަލާމަތްކުރަން އެހީތެރިވި ފުލުސް އޮފިސަރާއި ޢާންމުންނަށް ގިނަ ބަޔަކު ތަޢުރީފުކޮށްފިއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި އަންހެނުންނާއި ދަރިފުޅާ އެކީގައި
ގުރައިދޫގެ އުތުރު ފަރާތު މޫދަށް އެރި އުޅެނިކޮށް އޮޔާ ދަމައިގަތީ ރަޝިޔާގެ ޢުމުރުން 40 އަހަރުގެ ފަތުރުވެރިއެކެވެ.
އެ ފިރިހެން މީހާ އޮޔާދާތީ އަންހެން މީހާ އެހީއަށް އެދި ގޮވުމުން އެހީތެރިވެދިނީ އެ ވަގުތު އެ ސަރަހައްދުގައި އުޅުނު ފުލުސް އޮފިސަރަކާއި ދެ ޒުވާނުންނެވެ.
ފަތުރުވެރިޔާ ސަލާމަތް ކުރަން އެ ދެ ޒުވާނުންނާއެކީ ފުލުސް އޮފިސަރު އަޙްމަދު އަމަން ވެސް މޫދަށް އެރުނީ ލައިގެން ހުރި ޔުނީފޯމާއެކުގައެވެ.
ގުރައިދޫ ކައުންސިލުގެ ރައީސް ޙުސައިން ޔާމީން މުޙައްމަދު ވިދާޅުވީ އެ ފަތުރުވެރިޔާ ވަގުތުން ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށާއި, އޭނާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށެވެ. ނަމަވެސް އިތުރު ސިއްހީ މައްސަލައެއް ދިމާނުވާ ކަމަށާއި, މިހާރު އޭނާ ހެލްތު ސެންޓަރުން ދޫކޮށްލާފައިވާ ކަމަށެވެ.
ފަތުވެރިޔާ ސަލާމަތް ކުރަން އުޅުނު މަންޒަރު ފެންނަ ފޮޓޯތައް ގުރައިދޫ ކައުންސިލުގެ އެފްބީ ޕޭޖުގައި ވަނީ ހިއްސާކޮށްފައެވެ. އެ ގޮތުން ގިނަ ބަޔަކު ވަނީ އެ ޕޯސްޓް ހިއްސާކޮށް ފުލުސް އޮފިސަރަށާއި, ދެ ޒުވާނުންނަށް ތަޢުރީފުކޮށްފައެވެ.