ޚަބަރު ސިޔާސީ

ތާހިރު ވެރިކަމެއް ކުރާން އައި ބައިގަނޑު މި ހަދަނީ ކޯއްޗެއްތޯ: ޔާމީން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އިންސާފު ހޯދައިދީ, ތާހިރު ވެރިކަމެއް ކުރާން އައި ބައިގަނޑު މި ހަދަނީ ކޯއްޗެއްތޯ ސުވާލުކުރައްވައި މާލެ އަތޮޅު ގުރައިދޫ ކައުންސިލުގެ ރައީސް ޙުސައިން ޔާމީން މުޙައްމަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލިތާ އިއްޔެއަށް 10 ވަނީ އަހަރުވެފައިވާއިރު ޔާމީން ކުރެއްވި ޓުވީޓެއްގައި ވަނީ އެތައް ސުވާލެއް އުފައްދަވައިފައެވެ.

އެންމެ ފުރަތަމަ ވެސް އޭނާ ސުވާލު ކުރެއްވީ ''ގެއްލުވައިލީއޭ ވަގަށްނެގީއޭ, މަރައިލީއޭ'' ގޮވަމުން އައިސް އެފަދަ މައްސަލަތަކަށް އިންސާފު ހޯދައިދީ ތާހިރު ވެރިކަމެއް ކުރާން އައި ބައިގަނޑު މި ހަދަނީ ކޯއްޗެއްތޯއެވެ.

މީގެ އިތުރުން ޔާމީން ވަނީ ސަރުކާރުގެ ސިއްހީ ދާއިރާގެ ސިޔާސަތުގައި ހުރި ދޯހަޅިކަމެއްގެ ސަބަބުން ވިހަން ގާތްވެފައިވާ މައިންގެ ބަނޑަށް ކިތައްކިތައް ދަރިން ނިޔާވެއްޖެ ތޯއާއި, ވިހެއުމުގެތެރޭގައި ކިތައް ކުދިން ނިޔާވެއްޖެ ތޯ ވެސް ސުވާލު ކުރައްވައިފައެވެ. އަދި މަރުގެ އެތައް މައްސަލައެއްގައި ވާނުވާއެއް ނޭނގި އެބައޮތްކަމާއި އެތައް ބަޔަކަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަން ވެސް ޔާމީންގެ ޓުވީޓުގައި ފާހަގަކުރައްވާފައިވެއެވެ.

''އިސްތިއުފާދޭކަށް ނުވޭ ތޯ؟'' ޔާމީން ސުވާލު ކުރައްވައިފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!