ޞާލިޙް އެހުރީ ރައީސް ޔާމިން އެޅުއްވި ބުރިޖަކީ ތިމަންނަގެ ކާފަ ފެށި މަސައްކަތެކޭ ބުނާ ހިސާބުގަ: އަދުރޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިހާރު ހުންނެވީ ކުރީގެ ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޗައިނާގެ އެހީގައި ބިނާކޮށްދެއްވި “ސިނަމާލެ” ބްރިޖަކީ އެމަނިކުފާނު އެޅުއްވި ބްރިޖެކޭ ބުނާ ހިސާބުގައި ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެއެވެ.
އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ތިލަމާލެ ބުރިޖް ހުޅުވޭނެ ދުވަހެއް އެނގިލައްވާތޯ ރައީސް ޞާލިޙާ ސުވާލު ކުރައްވާފައެވެ. އަދުރޭ ވިދާޅުވީ ރައީސް ޞާލިޙް މިއަދު ހުންނެވީ, ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ ''ތިމަންނަގެ ކާފަ ފެށި މަސައްކަތެކޭ'' ބުނާ ހިސާބުގައިކަމަށެވެ.
“އިންޑިޔާގައި މަނިކުފާނާ މޯދީ ބިންގާ އެޅި ތިލަމާލެ ބުރިޖް ހުޅުވޭނެ ދުވަހެއް ނޭނގޭ ނޫންތޯ؟ އެހެންވީމާ ރ.ޔާމީނު އެޅުއްވި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ރަސްމިއްޔާތެއް ބާއްވާފައި އަލުން ހުޅުވަން ކިހާ ރަނގަޅުވާނެތޯ؟ ދެން ބުނާނީ މީ ތިމަންނަގެ ކާފަ ފެށި މަސައްކަތެކޭ” އަދުރޭ ވިދާޅުވިއެވެ.
ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ރަޙުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން ދެ ގައުމު ގުޅިގެން ތަރައްގީކުރި “ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް”ބްރިޖު ސަރުކާރުގައި ތިއްބެވި ބޭފުޅުން ސިފަކުރައްވަނީ ދަރަނި ދަންތުރައެއްގެ ގޮތުގައެވެ.