ކ.ގުރައިދޫ ސްކޫލާއި ސިއްހީ މަރުކަޒު ހަަދަން ބޭނުންވާ އައު ބިން އެ ދެ މުއައްސަސާއާ ހަވާލުކޮށްފި

ކ.ގުރައިދޫ ލޭންޑްޔޫޒް ޕްލޭން ފާސްވުމާއެކު ގުރައިދޫ ސްކޫލާއި ސިއްހީ މަރުކަޒުގެ އައު އިމާރާތް ހަަދަން ބިން ހަވާލުކޮށްފިއެވެ.
މިދިޔަ ޖޫންމަހުގެ 10 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ގުރައިދޫގެ ބިނާވެށި ޕްލޭން, މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިފްރާސްޓްރަކްޗަރުން ވަނީ ފާސްކޮށް ދެއްވައިފައެވެ.

ގުރައިދޫ ކައުންސިލުގެ ރައީސް ޙުސައިން ޔާމީން މުޙައްމަދު މިރޭ ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު އަށްވަނަ އިސްލާހުގައިވާ ފަދައިން މި ޕްލޭނަށް ޢަމަލުކުރަން ފެށުމަށް ރައްޔިތުން ރުހުންދިނުމާއެކު އެ ރަށު ސްކޫލާއި, ސިއްހީ މަރުކަޒު ހަދަން ބޭނުންވާ އައު ބިން އެ ދެ މުޢައްސަސާއާ ޙަވާލުކުރައްވާފައިވާ ކަމަށެވެ.

އެ ދެ މުޢައްސަސާއާ ބިން ޙަވާލުކޮށްދެއްވީ މިރޭ ކައުންސިލްގެ އިދާރާގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައެވެ.
އެ ގޮތުން ސްކޫލްގެ ބިމާ ޙަވާލުވެލެއްވީ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް އިބްރާހިމް ސިރާޖެވެ. އަދި ސިއްހީ މަރުކަޒުގެ ބިމާ ޙަވާލުވެލެއްވީ އެ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ ފޮރ ހެލްތް ސާވިސަސް އަލްފާޟިލް އިބްރާހިމް އިރުޝާދެވެ.