ދީބާޖާގެ އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް، ބަދަލު ދިނުމަށް ހުކުމް ކޮށްފި
ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކު ޓްރާންސްޕޯޓް މިނިސްޓްރީން ހެދި އެއްބަސްވުން ސަރުކާރުން ބާތިލުކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ދީބާޖާއަށް އެކަމުުގެ ބަދަލު ދޭނެ މިންވަރު ސިވިލް ކޯޓުން އަލުން ކަނޑައެޅުމަށް އެ މައްސަލަ ހައިހޯޓަށް ތަހުވީލުކުރުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
މި މަސައްލާގައި ހުކުމް ކުރުމަށް މިއަދު ސުޕްރީމް ކޯޓުގައި ބޭއްވުނު ޝަރީއަތުގައި ފަނޑިޔާރުން ކުރި ހުކުމްގައި ވިދާޅުވެފައިވަނީ ދިބާޖާގެ އެއްބަސްވުން 2013ވަނަ އަހަރު ބާތިލް ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އަދި ގާނޫނާ ޚިލާފަށް އެއްބަސްވުން ބަދަލު ކުރުމުގެ ސަބަބުން ދީބާޖާއަށް ހައްގުވާ ބަދަލުގެ މިންވަރު ކަނޑައަޅަންވާނީ ދަށު ކޯޓުން ކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން މި ހުކުމް ކުރީ އެ ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ޑރ. މުހައްމަދު އިބްރާހީމް އަދި އަލީ ރަޝީދުގެ ބެންޗުގެ މެޖޯރިޓީއަކުންނެވެ. ރައުޔު ތަފާތުވީ ފަނޑިޔާރު މަހާޒް އަކީ ޒާހިރެވެ. އޭނާގެ ރައުޔުގައިވާގޮތުން ސަރުކާރުން ދީބާޖާއަށް ގެއްލުމުގެ ބަދަލު ދޭކަށް ނުޖެހެއެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން އުވާލީ ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދުގެ ވެރިކަމުގައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. 348 މިލިއަން ރުފިޔާގެ ބަދަލުދޭން ސިވިލް ކޯޓުން ހުކުމްކޮށްފައިވަނިކޮށް، 2018 ވަނަ އަހަރު ހައިކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފައެެވެ.
ނަމަވެސް ހައިކޯޓުން އެ ހުކުމް ބާތިލުކުރީ އިޖުރައާތްތަކާއި ހިލާފަށްކަމަށް ބުނެ 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ބާތިލުކޮށްފައެވެ.