އަރުޝަދު ބަންދުން ދޫކޮށްލައި, ޕާސްޕޯޓު ހިފަހައްޓައިފި
ޑްރަގް ވިޔަފާރީގެ ބޮޑެއްކަމަށް ބުނާ އަރުޝަދު ޚާލިދުގެ ޕާސްޕޯޓު ހިފަހައްޓަން ހައިކޯޓުން މޯލްޑިވްސް އިމިގުރޭޝަންގެ މައްޗަށް އަމުރުކޮށްފިއެވެ.
2020 ވަނަ އަހަރު ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ޑްރަގް ނެޓްވޯކެއްގެ އެންމެ އިސް ވެރިޔަކީ ގދ.ހޯނޑެއްދޫ/އަލޯރާ, އަރުޝަދު ޚާލިދުކަމަށް ފުލުހުން ބުނެފައިވެއެވެ. އެ އޮޕަރޭޝަނުގައި މާލޭގެ ގެއެއް ފާސްކޮށް 09 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދާފައިވާއިރު, އޮޕަރޭޝަންގައި 4.6 މިލިއަން ރުފިޔާ ވެސް ފުލުހުން ވަނީ ހޯދާފައެވެ.
އެ މައްސަލައިގައި 08 މީހަކަށް ދަޢުވާ އުފުލިއެވެ. ނަމަވެސް އަރުޝަދު ހިމެނޭ ގޮތަށް ބައެއް އިސް މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވެއެވެ. އެ ގޮތުން ދައުލަތުން ކްރިމިނަލް ކޯޓުގެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.
ކްރިމިނަލް ކޯޓުން އެ ނެޓްވޯކުގެ މީހުން މިނިވަންކުރުމާއެކު އަނެއްކާވެސް ޑްރަގްގެ ވިޔަފާރިކުރަން ފެށި ކަމަށާއި, މިދިޔަ ޑިސެމްބަރުގައި އަތުލައިގަތް 119 ކިލޯގެ ޑްރަގަކީ އެ ނެޓްވޯކާ ގުޅުން ހުރި ތަކެތިކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.
އެ ތަކެތި އެތެރެކުރުމަށްފަހު އަރުޝަދު ދުބާއީއަށް ގޮސް ފިލާފައިވާކަމަށް ފުލުހުން މީގެކުރިން ބުނެފައިވެއެވެ. އެ ގޮތުން ދުބާއީގައި އުޅުމަށްފަހު ލަންކާއަށް ދިއުމުން އެ ޤައުމުން އަރުޝަދު ޑީޕޯޓުކޮށްލިއެވެ. ޑީޕޯޓުކޮށްލުމާއެކު އަރުޝަދު ރާއްޖެ އައުމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިރޭ ވަނީ ހައިކޯޓަށް ހާޒިރުކޮށްފައެވެ.
ނަމަވެސް ކޯޓަށް ގެންދިޔައިރު ފުލުހުން ވަނީ އޭނާ ބަންދުން ދޫކޮށްލައިފައެވެ.
''ބަންދުގައި ހުރި މީހާ ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރާ އެއް ގޮތަށް 12 އޮކްޓޫބަރު 2022 ގެ 19:45 އަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން މި ކޯޓަށް ހާޒިރުކޮށްދިނުމުގެ ކުރިން 19:08 ގައި އަރުޝަދު ޚާލިދު ބަންދުން ދޫކޮށްލައިފައިވާކަން އޭނާގެ ފަރާތުން 12 އޮކްޓޫބަރު 2022 ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު TD145014 ހައްޔަރުން ދޫކުރިކަމުގެ ލިޔުމުން އެނގެއެވެ. އަރުޝަދު ޚާލިދު މި ކޯޓަށް ހާޒިރުވެފައިވަނީ ބަންދުގައި ހުރި މީހެއްގެ ގޮތުގައެއް ނޫނެވެ.''
ހައިކޯޓުން މިރޭ ބުނީ އަރުޝަދު ޚާލިދުގެ މައްސަލަ މިހާރު ވެސް އެ ކޯޓުގައި ހިނގަމުންދާތީއާއި, އެ މައްސަލައާ ގުޅިގެން އެ ކޯޓުން އޭނާއާ މުޢާމަލާތު ކުރުމަށް ކުރެވުނު މަސައްކަތުގައި އޭނާއާ މުޢާމަލާތު ކުރެވިފައިނުވާތީ އޭނާ ކޯޓަށް ހާޒިރުވާނެކަން ކަށަވަރުކުރުމުގެ ގޮތުން, ކޯޓަށް ނޭނގި ރާއްޖެއިން ފުރައިގެން ދިއުން މަނާކުރަންޖެހޭކަމަށް ފަނޑިޔާރުން އިއްތިފާގުވާ ކަމަށެވެ.
އެ ގޮތުން އެ ސަބަބަށްޓަކައި އޭނާގެ ޕާސްޕޯޓު ހިފަހައްޓަންޖެހޭކަމަށް ފަނޑިޔާރުންނަށް ބުރަވެވޭ ކަމަށެވެ.
''އެހެންކަމުން އަރުޝަދު ޚާލިދުގެ ނަމުގައި ހަދާފައިވާ ޕާސްޕޯޓާއި ޓްރެވަލް ޑޮކިއުމަންޓް އަދި ރާއްޖެއިން ބޭރަށް ދަތުރުކުރެވޭ އެ ނޫން ވެސް ލިޔުމެއްވާނަމަ, ހައިކޯޓުން ވަކިގޮތެއް އަންގަންދެން އަރުޝަދު ޚާލިދުގެ ޕާސްޕޯޓާއި އަދި އެ ލިޔުންތައް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގުރޭޝަންގެ މައްޗަށް އަމުރުކުރަމެވެ.''
އަދި މާލެއިން ބޭރަށް އެއްވެސް ބޭނުމަކު ދާކަމަށްވާނަމަ ދުރާލައި ހައިކޯޓަށް އެކަން އެންގުމަށްފަހު ލިޔުމަކުން ހުއްދަ ލިބިގެން މެނުވީ އަރުޝަދު މާލެއިން ބޭރަށް ނުދިއުމަށް ޝަރުތުކުރަން ފަނޑިޔާރުންނަށް ބުރަވެވޭ ކަމަށް ވެސް ހައިކޯޓުން ބުންޏެވެ. އަދި އަރުޝަދު އަމަލުކުރާ ގޮތެއްގެ ސަބަބުން އޭނާ ބަންދުގައި ބަހައްޓަންޖެހޭކަމަށް ޕްރޮސިކިއުޝަނަށް ފެންނަ ޤާނޫނީ ސަބަބުތަކާއެކު މި ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅައިގެން މި ނިންމުން ރިވިއުކުރަން ޕްރޮސިކިއުޝަނަށް ހުރަހެއްނެތްކަމަށް ވެސް ހައިކޯޓުން ވަނީ ބުނެފައެވެ.