ޓައިވާނަށް އަރައި، އެތަން ހިފުމުގެ ޙައްޤު އޮންނާނެ: ޗައިނާ

ޓައިވާނަށް އަރައި، އެތަން ހިފުމުގެ ޙައްޤު އޮންނާނެ ކަމަށް ޗައިނާގެ ވެރިކަން ކުރާ ޕާޓީގެ ތަރުޖަމާނު ސަން ޔެލީ ވިދާޅުވެއްޖެއެވެ.
ޗައިނާ އާއި ޓައިވާން އަލުން ގުޅުމަކީ ޓައިވާނުގެ ގައުމުތައް ހިމެނޭ ގޮތަށް އެންމެންގެ މަސްލަހަތު ފުއްދައިދޭ ކަމެއް ކަމަށް ބެއިޖިންގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ސަން ޔެލީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީސުލްހަވެރި އެއްބައިވަންތަކަމަކީ އެގައުމުގެ ފުރަތަމަ އިޚްތިޔާރު ކަމުގައިވީ ނަމަވެސް، މަޖުބޫރު ހާލަތްތަކުގައި އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި ޓައިވާނުގެ މައްޗަށް ބާރުގެ ބޭނުން ކުރުމުގެ ހައްގު ޗައިނާއަށް ލިބިގެންވާ ކަމަށެވެ.
އަންނަ އާދީއްތަ ދުވަހު ން ފެށިގެން ހަފުތާއެއްގެ މުއްދަތަށް ބެއިޖިންގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ބާއްވާ ކޮންގްރެސްގައި އެ ގައުމުގެ އެންމެ ބާރުގަދަ މަގާމު ކަމަށްވާ ވެރިކަން ކުރާ ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ ތިން ވަނަ ފަސް އަހަރުގެ ދައުރެއް ރައީސް ޝީ ޖިންޕިން ކާމިޔާބު ކުރެއްވާނެ ކަމަށް މަޝްރަޙް ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރެއެވެ.