ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ފުލުހުން ނަގާފައި ވާތީ، ފުލުހުނާއި ދެކޮޅަށް ހުށަހެޅި މައްސަލަ ބެލެން ނެތް ކަމަށް ސިވިލްކޯޓުން ނިންމައިފިއެވެ.
ރައީސް ޔާމީންގެ ގެކޮޅު ކަމަށްވާ ހ. ދޫވެހީގައި ދެމި "އިންޑިއާ އައުޓް" ބެނާ ފުލުހުން ނެގީ، އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއް ކުރާ ކަމަށް ތުހުމަތުކޮށް، ކްރިމިނަލް ކޯޓުން ހޯދި އަމުރެއްގެ ދަށުންނެވެ.
އެހެންނަމަވެސް އިދިކޮޅުން އެމައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުންވަނީ ޖިނާއީ ކޯޓުން ބެނަރ ނެގުމަށް ނެރެފައިވަނީ ގާނޫނާ ޚިލާފު އަމުރެއްކަމަށް ނިންމާ އެ އަމުރު ބާތިލް ކޮށްފައެވެ.
މި މައްސަލައިގައި ހައިކޯޓުން ނެރުނު ހުކުމުގައި ބަޔާންކޮށްފައި ވަނީ "އިންޑިއާ އައުޓް" ބެނާ ދެމުން ކުށަކަށް ވާގޮތާއި އެ ބެނާ ނަގަން ފުލުހުން އެންގީ ކީއްވެކަން ދައުލަތަށް ވެސް އަދި ފުލުހުންނަށް ވެސް ބުނެދެވިފައި ނުވާ ކަމަށާއި އަދި އެ ބެނާ ހަރުކޮށްފައި ހުރީ ދޫވެހީގެ ބޭރުން ހަރުކޮށްފައިވާ ދާގަނޑެއްގައި ހުރި ހޮޅިތަކެއްގައި އައްސައިފައި ކަމަށް ވާތީ ކޯޓު އަމުރެއްގެ ދަށުން އެ ގެއަށް ވަދެ އެ ބެނާ ނަގަން ޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.
މިމައްސަލާގައި ސިވިލް ކޯޓުން މަސައްލަ ބޭރު ކޮށްފައިވަނީ، މިމައްސަލައަކީ ހައިކޯޓުން ގޮތެއް ނިންމާފައިވާ މައްސަލައަކަށް ވާތީއާއި، ސިވިލް ކޯޓަށް ޔާމިން ހުށަހެޅުއްވި މައްސަލާގައި މަދަނީ ބަދަލެއް ނަގައިދިނުމަށްވެސް އަދި ލިބިވަޑައިގެންނެވި މަދަނީ ގެއްލުމުގެ ވާހަކަވެސް ހިމަނުއްވާފައި ނުވާތީއެވެ.
އެހެންކަމުން ފުލުހުންގެ މައްޗަށް ހުށަޙަޅާފައިވާ މިމައްސަލަ ކުރިޔަށް ގެންދާނެ ތަނެއް ނެތްކަމަށް ނިންމާ ސިވިލް ކޯޓުން ވަނީ މައްސަލަ ބޭރު ކޮށްފައެވެ.