މިއަދަކު ރާއްޖެއެއް ނެތް ކަމަށާއި, ޤައުމީ ދިދައިގެ ކަރާމަތެއް ނެތްކަމަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ނޫނު އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަތުމަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި ކެނދިކުޅުދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ މިލިޓަރީ ގޮތުންނާއި, ދާޚިލީ އަދި ޚާރިޖީ ކަންކަމާ އުތުރުކަރައިން (އިންޑިއާ) ބެހެމުންދާ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅުވާހަކައެއް ކަމަށް މި ސަރުކާރުގެ ވެރިންނާއި ސިޔާސީ އެހެނިހެން ލީޑަރުން ގަބޫލެއް ނުކުރައްވާ ކަމަށާއި, އެކަމަކު އެއަށް ރައްދު ދެއްވާކަށް އެ ބޭފުޅުންނަށް ފަސޭހައެއްނުވި ކަމަށެވެ.
''އަޅުގަނޑު އެއްފަހަރަށްވުރެ ގިނަ ފަހަރު ދަންނަވައިފިން ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ އެބަ ތިއްބޭ. ތިބީ ހަތިޔާރާ އެއްކޮށްނޭ. އަދި އެ މީހުން ދިވެހި ސަރުކާރާއެކު ހަދާފަ ހުރި އެގްރިމަންޓް އަޅުގަނޑުމެންނަށް ދައްކާކަށް ބޭނުމެއްނުވޭ. އެހެން ނަމަވެސް އެ އެގްރިމަންޓް ފެނިފަ ތިބި މީހުން އަޅުގަނޑުމެންގެތެރޭގައި އެބަތިބި.''
''އޭގެތެރޭގަ [އެއްބަސްވުމުގައި ވާ ގޮތުން] ވަކި ފެންވަރެއްގެ ވަކި ވައްތަރެއްގެ ހަތިޔާރެއް ގެންގުޅޭކަށް އެ މީހުން [އިންޑިއާ ސިފައިން] ހުއްދަ ނަގާކަށްނުޖެހޭ. އެ މީހުންގެ އަސްކަރީ މަނަވަރުތައް ރާއްޖެ އަންނާކަށް ހުއްދަނަގާކަށް ނުޖެހޭ.''
ނަމަވެސް އެއީ މާޒީގައި ރާއްޖޭގައި ކަން ހިނގާފައި ހުރި ގޮތްގޮތެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މިއަދަކު ރާއްޖެއެއް ނެތް ކަމަށާއި, ރާއްޖޭގެ ސިޔާދަތެއް މި ވަގުތު ވެރިކަން ކުރާ ސަރުކާރުގައެއް ނެތް ކަމަށެވެ. ސަރުކާރުގެ ޝަރަފެއް ނެތް ކަމަށާއި, ދިވެހި ދިދައިގެ ކަރާމަތެއްނެތް ކަމަށެވެ.
''ދިވެހި ރައްޔިތުން ދިރިއުޅޭކަށް މިނިވަން ޖައްވަކަށް ނޭވާލަން ދައުރުކުރާ ވަޔެއް އަޅުގަނޑުމެންނަކަށް ނުފެނޭ.'' ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.