އަންނަ އަހަރު މަސްވެރިކަމާއި ނަރުދަމައާއަށް އަލަށް ސަބްސިޓީ ދެނީ

ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އައު ދެ ސަބްސިޑީއެއް ދޭން ހިމަނައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި ނަރުދަމާ ސަބްސިޑީގެ އިތުރުން މަސްވެރިންނަށް ސަބްސިޓީ ދޭން ވަނީ ހުށަހަޅާފައެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖުމްލަ 42.608 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ނަރުދަމާގެ ހިދުމަތުގެ ސަބްސިޑީއަކީ ފެނަކަ ކޯޕަރޭޝަނުން ނަރުދަމާގެ ހިދުމަތްދޭ ރަށްރަށުގައި މި ހިދުމަތަކީ މިހާރު އަގުނުނެގޭ ހިދުމަތަކަށްވުމުން މި ހިދުމަތް ފޯރުކޮށްދިނުމަށްދެވޭ ސަބްސިޑީއެކެވެ. މިކަމަށް 180 މިލިއަން ރުފިޔާ ދިނުމަށް ވަނީ ހުށަހަޅާފައެވެ.
މަސްވެރިކަަމަށް ދޭ ސަބްސިޓީއަކީ، މިފްކޯއަށް ދޭ ސަބްސިޓީއެކެވެ. އެއީ މާކެޓް ރޭޓަށްވުރެ އަގު ބޮޑުކޮށް މަސްވެރިންގެ އަތުން މަސްގަތުމުގެ ސަބަބުން މިފްކޯއަށް ލިބޭ ގެއްލުމުގެ ބަދަލުގައިދޭ ސަބްސިޑީއެއް ކަމަށް ފިނޭންސުން ހާމަކުރެއެވެ.
ބަޖެޓް ހުށަހަޅުއްވަމުން އަމީރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ފިނޭންސް އަންނަ އަހަރުގެ މެއި-ޖޫން ހިސާބުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި ނަރުދަމާ ނިޒާމު ގާއިމުކުރުމަށްފަހު އެ ނިޒާމު މަރާމާތު ކުރުމާއި ބެލެހެއްޓުމަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށާއި ރައްޔިތުންގެ އަތުން ފީ ނަގައިގެން އެ ހަރަދު ހަމަޖެއްސޭނެ އުސޫލެއް އަދި ނެތް ކަމަށް ވިދާޅުވިއެވެ.