ޚަބަރު

އަންނަ އަހަރު ދައުލަތަށް ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ އަހަރު ދައުލަތަށް ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފިއެވެ.

Ads by STELCO

މިއީ 2022 ވަނަ އަހަރަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާ އަޅައިބަލާއިރު 21.8 އިންސައްތަ އިތުރު އަދަދެއް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިއެވެ.

"2023 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު ކޮވިޑް-19ގެ ކުރީގެ އިގުތިސާދުގެ ލެވެލް ފަހަނައަޅައިދާއިރު، ދައުލަތުގެ އާމްދަނީވެސް ބޮޑުވެގެންދާނެ. އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 32.1 ބިލިއަން ރުފިޔާ. މިއީ 2022 ވަނަ އަހަރަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާ އަޅައިބަލާއިރު 21.8 އިންސައްތަ އިތުރު އަދަދެއް” އަމީރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ 2021ވަނަ އަހަރު ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21.4 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

“މިއީ 2020ވަނަ އަހަރާ އަޅައިބަލާއިރު 40.3 އިންސައްތައިގެ ކުރިއެރުމެއް. ނަމަވެސް މިއީ ކޮވިޑް-19ގެ ކުރިން ލިބުނު އަދަދަށްވުރެ ދަށް އަދަދެއް. 2021 ވަނަ އަހަރު ދައުލަތުން ހަރަދުކޮށްފަ ވަނީ 32.9ބިލިއަން ރުފިޔާ. އަދި ދަރަނި އަދާކުރުމާއެކު ޖުމްލަ ބަޖެޓުގެ އަދަދީ 37.1 ބިލިއަން ރުފިޔާ” އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވެއެވެ. އަދި އާމްދަނީގެ ގޮތުގައި 29.6 ބިލިއަން ލިބޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއިން ކުރާ ހަަރަދުގެ ގޮތުގައި ބަޖެޓުގައި އަންދާޒާކޮށްފައި ވަނީ 36 މިލިއަން ރުފިޔާއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!