އުދައްޔު މަރާލިކަން ސާބިތުވި ކުޑަކުއްޖާ 25 އަހަރަށް ޖަލަށް

ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގއ. މާމެންދޫގައި ހިނގި މާރާމާރީއެއްގެ ތެރެއިން، އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔަށް ހަމަލާދީ މަރާލި މައްސަލާގައި 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް ކުށް ސާބިތުވެފައިވާތީ 25 އަހަރާއި ފަސް މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
މިދިޔަ އަހަރު ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު އުދައްޔު އަށް ބަޔަކު ދިން ހަމަލާގައި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ ނިޔާވެފައެވެ. ހަމަލާގައި އޭނާގެ ބުރަކައްޓަށް ވަޅީން ހަމަލާދިނުމުގެ ސަބަބުން ފުން ޒަހަމްތަކެއް ހުއްޓެވެ.
އުދައްޔު މަރުވި މައްސަލާގައި ތިން މީހަކާއި ކުޑަކުއްޖެއްގެ މައްޗަށް ދައުވާ އުފުލައިފައި ވަނީ 22 މާރިޗު 2021 ދުވަހުއެވެ.
ދައުވާ އުފުލާފައިވާ މީހުންނަކީ މާމެންދޫ/ ރިހިފަރުދާގެ، އަހުމަދު ޝަމީމް އާއި އެރަށު ބިލަތްމާގެ، ޝަރަފު ރަޝިދު އާއި ގުލްފާމުގެ، މުހައްމަދު މާޒިންްއެވެ.
އެ ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
ކުޑަކުއްޖާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.