"ވައްޑެގެ ސީދާ ފާޑު ކިޔުން ރައީސް ޞާލިޙަށް؛ ޕީޕީއެމްގެ ކާމިޔާބީގެ ސިއްރަކީ ރައީސް ޞާލިޙްގެ "ވިޔާ ނުދާކަން
އިދިކޮޅު ޕީޕީއެމްއިން އިންތިޚާބުތަކުގައި ކާމިޔާބު ހޯދަމުން އެދަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވިޔާނުދާކަމުންކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ކުލަބު ހައުސްގައި ރޭ ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ ރައީސް ޞާލިޙް ވެރިކަން ކުރައްވަނީ މަޖިލީހުގައި ތިއްބަވާ ބަލިކަށި [ވިސްނުމުގެ ގޮތުން] މެންބަރުންގެ އެޑްވާންޓޭޖް ނަންގަވައިގެން ކަމަށެވެ. އެ ގޮތަށް އުޅުއްވާ އުޅުއްވުމަކީ ވަރަށް ވިޔާނުދާކަމެއް ކަމަށާއި، ދުނިޔަވީ އަދި ދީނީ ގޮތުން ބެލިޔަސް އެއީ ހަމަ އަޅުވެތިކުރުން ކަމަށް ވައްޑެ ސިފަކުރެއްވިއެވެ.
އޭގެ އިތުރުން ބޮޑެތި ރަސްރަސްކަލުންގެ ޒަމާނުގައި, ބޮޑެތި ޑިކްޓޭޓަރުންގެ ޒަމާނުގައި ވެރިކަން ހިންގަވަން ބައެއް ވެރިން ގެންގުޅުއްވި ކަހަލަ ހީލަތްތެރި, މަކަރުވެރި ގޮތް ބޭނުން ކުރައްވައިގެން މި ޒަމާނުގައި އިތުރު އިންތިޚާބުތައް ނެގިދާނެކަމަށް ހީކުރައްވާ ހީކުރެއްވުމަކީ ''ކުށްހީ'' އެއްކަމަށް ވައްޑެ ވިދާޅުވިއެވެ.
''ދާދި އިހަކަށްދުވަހު އެއްފަހަރާ ބައިވަރު ބައި އިލެކްޝަންތަކެއް ބޭއްވުނީ. އޭގައި އެމްޑީޕީން ވެސް ތިން ބައި އިލެކްޝަނެއް ކާމިޔާބުކުރި. އެއާއެކީގަ އިދިކޮޅުން ވެސް އެބައޮތް ތިން ބައި އިލެކްޝަނެއް ކާމިޔާބުކޮށްފަ. އެކަމު އެ ހުރިހާ އިންތިޚާބުގެ ޖުމްލަ ވޯޓު ގުނާލީމާ މާ ބޮޑުތަނުން ވެސް އަޅުގަނޑުމެން އުޅެނީ ފަހަތުގަ. އެ ފެންނަނީ މިކަންކަމުގެ އަސަރު. އަދި އެއާއެކީގަ މިހާރު އާ އިންތިޚާބަކަށް ކުރިމަތިވެގެން އުޅޭއިރުގަ މިކަހަލަ ހުރިހާ ގެއްލުންދެނިވި އަޅުގަނޑުމެންގެ މޫނުމަތި ކިލަނބުވާނެހައި ކަންކަން ފަހަށް ބަހައްޓަވައިގެން އެ އެއްޗެހި ތިލަކުރައްވަމުން އެ ގެންދަވާ ގެންދެވުމަކުން އަޅުގަނޑަކަށް ނުވިސްނޭ [ރިޔާސީ އިންތިޚާބު ކާމިޔާބުވާނެ ކަމަކަށް]..''
ވައްޑެ އިތުރަށް ވިދާޅުވީ ރައީސް ޞާލިޙަށް ކަންކަން ކުރައްވާނެ ތަރުތީބެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ޙަޤީޤަތުގައި ޤައުމުގެ ކަންކަން ހުރީ ބޮޑު ޖޯކަކަށްވާ ހިސާބުގައި ކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ.
''ދެން އެކި ބޭފުޅުން ވިދާޅުވާހެން ދާދިފަހުން ވަޒީފާދިން.. އިހަކަށްދުވަހު ވަރަށް ފަހަކާ ޖެހެންދެން ޓީވީ ޗެނަލްއެއްގަ ރާއްޖެ މިއަދު ހުށަހެޅުމަށް އިން ކުއްޖަކު [ ތަރުޖަމާނު މުޙައްމަދު މިއުވާން] އަރުވައިގެން އޭނަ ލައްވާ މިކަލަހަ [ޗާގޯސް މައްސަލަ] ވަރަށް ބޮޑެތި ކަންކަމުގަ ވާހަކައެއް ބުނެލާފަ ދެން އެ އިންނަވަނީ ފިލާ.''
ވައްޑެ ވިދާޅުވި ގޮތުގައި މިވަރުން ދަންޏާ އަންނަ ރިޔާސީ އިންތިޚާބު ރައީސް ޞާލިޙަށް ކާމިޔާބު ކުރެއްވޭނެ ހަމަ އެއްގޮތެއް ވެސް ނޯންނާނެއެވެ.
ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ވައްޑެ ފާޑު ވިދާޅުވަމުން ގެންދަވާއިރު، ފަހަކަށް އައިސް ރައީސް ނަޝީދަށް ތާއީދު ކުރައްވާ ގިނަ މެންބަރުން ގެންދަވަނީ ސަރުކާރުގެ ގިނަ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުންނެވެ.