ޚަބަރު ސިޔާސީ

ޓެކްސް އިތުރު ކުރިޔަސް "ނެތް ކިރެއް ނުނިކުންނާނެ:: ބޮންޑޭ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އިގްތިޞާދު ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅެއްގައި ޓެކްސް އިތުރު ކުރުމަކުން އިތުރަށް ލިބޭނެ ފައިސާއެއް ނުހުންނާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަންނަ ޖަނަވަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ރައްޔިތުން މަޖިލީހުގެ މުޅި ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ސަރުކާރުން ހުށަހަޅާފައިވަނީ އަންނަ ޖަނަވަރީން ފެށިގެން ޖީއެސްޓީ %6 އިން %8 އަށް އަދި ޓީޖީއެސްޓީ %8 އިން %16 އަށް ބޮޑު ކުރުމަށެވެ.

ޖީއެސްޓީ ބޮޑުކުރުމުން މުދަލާއި ޚިދުމަތުގެ އަގު 2.5 އިންސައްތަ އުފުލޭނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރުމާ ގުޅިގެން ބޮންޑޭ މިއަދު ވިދާޅުވީ ކޮވިޑާ ގުޅިގެން އިގުތިސާދަށް ބޮޑު ލޮޅުމެއް އައިސްފައިވާއިރު ޓެކްސް ބޮޑުކުރުމަކުން "ނެތް ކިރެއް ނުނުކުންނާނެ" ކަމަށެވެ.

''އިގްތިސާދުގެ އެއް ފައިބިނދިފައިވާ ދަނޑިވަޅެއްގައި ދިރިއުޅުމުގެ އަގުމަތިވާ ޓެކްސް އިތުރުކުރުމަކުން ނެތް ކިރެއް ނުނުކުންނާނެ. 2011 މިކަންކުރަން ކޮންމެ އަހަރަކުލިބޭ 1.5 ބިލިއަން ރުފިޔާގެ ޑިއުޓީނެގުން ހުއްޓާލި'' ބޮންޑޭ ވިދާޅުވިއެވެ.

ސަރުކާރުން ލަފާކޮށްފައިވަނީ ޖީއެސްޓީ ރޭޓަށް ގެންނަ ބަދަލާއެކު އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 4.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ރައްޔިތުން މަޖިލީހުގެ މުޅި ކޮމިޓީން ފާސްކޮށްފައި މިވަނީ އެމްޑީޕީގެ މެންބަރުން ހިމެނޭހެން ބައެއް މެންބަރުން ބިލަށް ހުށަހެޅުއްވި އިސްލާހުތައް ބޭރުކޮށްލުމަށްފަހުއެވެ.

އިސްލާހުތައް ބޭރުކޮށްލުމަށްފަހު ސަރުކާރުން ފޮނުވި ގޮތަށް ބިލު ފާސްކުރަން ރިޔާސަތުން ވޯޓަށް އެހުމުން އެކަމަށް ތާއީދުކުރައްވައި 50 މެންބަރުން ވޯޓު ދެއްވިއެވެ. ނުފެންނަކަމަށް ވޯޓު ދެއްވީ 19 މެންބަރުންނެވެ. ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެތެރޭގައި ރައީސް މުޙައްމަދު ނަޝީދު ފެކްޝަނުގެ މެންބަރުން ހިމެނޭއިރު ބޮންޑޭ އިންނެވީ ވަކި ކޮޅަކަށް ވޯޓު ނުދެއްވައިކަން ފާހަަގަކޮށްލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!