ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ދާއިރާ އިންތިޚާބުގައި ވަކި ކެންޑިޑޭޓަކު ހޮވުމަށް ރައީސް ޔާމީން ބޭނުންފުޅުވާ ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލަރ ނަޙުލާ ޢަލީ ވާހަކަތަކެއް ދައްކަމުން ގެންދާކަމަށް ތުހުމަތުކޮށް ޕީޕީއެމް/ޕީއެންސީން ކުށްވެރިކޮށްފިއެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކޯލިޝަންގެ ދާއިރާ އިންތިޚާބުގައި އެތެރޭގެ މަސްލަޙަތު ގެއްލޭ ގޮތަށް ބައެއް ފަރާތްތަކުން ޢަމަލުކުރަމުން ގެންދާކަމަށެވެ. އެގޮތުން އެ ޕާޓީއާ އެއްވެސް ގުޅުމެއް ނެތް ފަރާތްތަކުންވެސް މި އިންތިޚާބުގެ ތެރެއަށް ވަދެ ޕާޓީ ބައިބައި ކުރުމުގެ މަސައްކަތަކެއްވެސް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
އަދި އެޕާޓީގެ އޭގެތެރޭގެ އިންތިޚާބުގައި، ޕީޕީއެމްގެ މެންބަރު ކަމުން ވަކިކޮށްފައިވާ މާލޭ ސިޓީ ކައުންސިލްގައި ވިލިމާލޭ ދާއިރާ ތަމްސީލުކުރައްވާ ކައުންސިލަރ ނަޙުލާ ޢަލީ މި އިންތިޚާބުގައި ވާދަކުރާ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ބުނަމުންދާ ކަމާއި، އަދި ޕާޓީގެ ރައީސް ގެ ތާއީދު އޮތީވެސް ވަކި ކެންޑިޑޭޓަކަށް ކަމަށް ބުނެ ގޭގެއަށް ޒިޔާރަތްކުރުމާއި، މީހުންނާ ބައްދަލުކުރުމާއި، އަދި ތަފާތު ފޯރަމްތަކުގައިވެސް އެގޮތަށް ބުނަމުންދާކަން ފާހަގަވާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެހެންކަމުން ނަޙުލާ ޢަލީގެ އެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ނަޙުލާ ޢަލީ އަށް އެކޯލިޝަންގެ އެތެރޭގެ ކަންކަމާއި ބެހި ބަސް ބުނުމުގެ ޙައްޤު އެއްގޮތަށްވެސް ލިބިގެނެއް ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
“ ނަޙުލާ ޢަލީ އާއި އަދި މިކޯލިޝަނަށް ނިސްބަތްވާ ޕާޓީއެއްގެ މެންބަރަކަށް ނުވާ ފަރާތްތަކުން ވަކި ކެންޑިޑޭޓަކު ހޮވުމަށް މަސައްކަތްކޮށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅު ބޭނުންކޮށްގެން މަންފާ ހޯދުމަށް ކުރަމުން ގެންދާ މަސައްކަތަތއް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަން” ބަޔާނުގައި ބުނެފައިވެއެވެ.
ކުރިިގަ ހުރި ރީިތިކަން މިހާރު ގެއްލިއްޖެ. ދުނިޔެ ބުނެދޭ ޤާނޫނު