ފިނޭންސް މިނިސްޓްރީން ކައުންސިލަށް ދޭންޖެހޭ ފައިސާއެއްނެތްކަމަށް ބުނެ ހަދަނީ ދޮގު: ޝުޖާއު
ފިނޭންސް މިނިސްޓްރީން ކައުންސިލަށް ދޭންޖެހޭ ފައިސާއެއްނެތްކަމަށް ބުނެ ބައެއް މީޑިއާތަކަށް ދީފައިވަނީ ދޮގު މަޢުލޫމާތެއް ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ކުރިއަށް ދިޔަ ކައުންސިލްގެ 74 ވަނަ ރަސްމީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ކައުންސިލަށް ފިނޭންސް މިނިސްޓްރީ އިން ދޫކޮށްފައިވަނީ ބްލޮކް ގްރާންޓްގެ ގޮތުގައި ދެއްވަންޖެހޭ ފައިސާ ކަމަށެވެ. އަދި އެ ފައިސާ ޚަރަދުކުރަނީ ކައުންސިލްގެ މުވައްޒަފުންގެ މުސާރަ އާއި ކައުންސިލްގެ ބިލްތައް ދެއްކުމަށް ކަމަށް ވިދާޅުވިއެވެ.
”ކަނޑައެޅިގެން ދޮގު އެއީ. އަޅުގަނޑުމެންނަށް ދީފައޮތީ ބްލޮކް ގްރާންޓުން ދެއްވަންޖެހޭ ފައިސާ . އެއީ ހަމައެކަނި ސިޓީ ކައުންސިލް މުވައްޒަފުންގެ މުސާރަދީ ކަރަންޓުބިލާ ފެންބިލް ދައްކާ ލާރި. އިތުރު ފައިސާއެއް މިކައުންސިލަކަށް ނުދޭ.“ ޝުޖާއު ވިދާަޅުވިއެވެ.
މީގެ އިތުރުން ދެވަނަ ކުއާޓަރގައި މާލޭގެ މަގުތަކުގައި ދުއްވާ ވެހިކަލްތަކުގެ ފީގެ ގޮތުގައި ކައުންސިލަށް ލިބެންޖެހޭ ފައިސާ އަދިވެސް އޮތީ ސަރުކާރުން ހިފަހައްޓާފައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން މާލޭގެ މަގުތަކުގެ މުނިސިޕަލް ގިނަ މަސައްކަތްތަކެއް ހިންގާއިރު، މާލޭގެ މަގުތަކުން ކައުންސިލަށް ލިބެންޖެހޭ ފީ އަކީ ސިޓީކައުންސިލަށް ލިބެންޖެހޭ އާމްދަނީއަކަށް ވާއިރު މިފައިސާ ދޭން ސަރުކާރުން ދެކޮޅުހައްދަވާކަމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގައި ލިޔެފައިދިނަސް ކަންކަން ނުކުރެވޭނެ ކަމަށާއި، ޤާނޫނުގެ ބާރާއި ފައިސާ ލިބޭނެ ގޮތްތައްވެސް ސަރުކާރުން ފަހިކޮށްދޭން ޖެހޭކަމަށެވެ.