ބޮލުގެ އިސްތަށިގަނޑުގައި ޝޭމްޕޫ ތިލަނީ ރަނގަޅަށްތަ؟ މިކަންކަމަށް ވިސްނާލާ!
މިއީ ފަހަރެއްގައި ބައެއް މީހުންނަށް ވަަރަށް "ކޫސަނި" ވާހަކައަކަށް ވެދާނެއެވެ. ނަމަވެސް ތިމާގެ އިސްތަށިގަނޑާއި ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ޚުދު ތިމާ ނޫނީ ގަދަ އަޅާ މަސައްކަތް ކުރާނީ އެހެން ކާކު ހެއްޔެވެ؟
އެގޮތުން އިސްތަށިގަނޑަށް ވިސްނާލިޔަސް، ބޮލުން އިސްތަށި ނުފައިބާ، ހަލާކުނުވެ ހުންނަ ރީތި އިސްތަށިގަނޑެއް ލިބުމަށް ކޮންމެ މީހަކު ވެސް ބޭނުންވާނެއެވެ.
މިފަދައިން އިސްތަށިގަނޑު ހަލާކުވުމުގައި، ޝޭމްޕޫ ލައިގެން ބޯ ދޮންނަ ގޮތް ވަރަށް އިސް ދައުރެއް އަދާކުރެއެވެ. އެހެންކަމުން ބޯ ދޮންނައިރު މިކަންކަމަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ.
▪︎ ޝޭމްޕޫ ލުމުގެ ކުރިން އިސްތަށިގަނޑު ރަނގަޅަށް ތެންމާލުން.
ގިނަ މީހުންނަކީ ޝޭމްޕޫލުމުގެ ކުރިން ވަރަށް ކުޑަ ފެންފޮދެއް ބޮލަށް އަޅާލައިގެން ބޯ ދޮންނަން ފަށާ ބައެކެވެ. ނަމަވެސް މިއީ ގޯހެކެވެ. ބޮލުގައި ޝޭމްޕޫ ލުމުގެ ކުރިން އިސްތަށިގަނޑު ވަރަށް ރަނގަޅަށް ތެންމާލަން ވާނެއެވެ. އޭރުން އިސްތަށިގަނޑުގައި ހުންނަ ތެޔޮތައް ފަސޭހައިން ފިލާ، ސާފު ކުރަން ފަސޭހަ ވާނެއެވެ.
▪︎ އިސްތަށިގަނޑަށް ބޭނުންވާވަރަށް އެކަނި ޝޭމްޕޫ ބޭނުން ކުރުން
މިއީ ވެސް ވަރަށް ސަމާލުކަން ދޭންވީ ކަމެކެވެ. ފިލްމުތަކުންނާއި އިޝްތިހާރުތަކުން ފެންނަހެން ބޮލުގެ އިސްތަށިގަނޑުން މާގިނަ ފޮނު އެރުވުމުގެ ނިޔަތުގައި ވެސް ބައެއް މީހުން ވަރަށް ބައިވަރު ޝޭމްޕޫ ބޭނުން ކުރެއެވެ. ނަމަވެސް މިއީ އިސްތަށިގަނޑަށް ދެވޭ ވަރަށް ބޮޑު ގެއްލުމެކެވެ. މިކަމުގެ ސަބަބުން އިސްތަށިގަނޑު ވަރަށް ބޮޑަށް ހަލާކުވާނެއެވެ. އަދި މިއީ އަވަހަށް ޝޭމްޕޫ ފުޅި ހުސްވެސްވާ ކަމަކަށްވުމުން، ޚަރަދު ވެސް ބޮޑުކަމެކެވެ. އެހެންނަމަވެސް މާކުޑަ ޝޭމްޕޫ ކޮޅަކުން ބޯ ދޮވުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ. އޭރުން އިސްތަށިގަނޑު ރަނގަޅަށް ސާފު ނުވެ، ހަލާކުވުމުގެ އިތުރުން ބޮލުން ހަންފޮޅުމާއި، ބިހި ނެގުމާއި ނުބައި ވަސް ދުވުން ފަދަ ކަންކަން ދިމާވެއެވެ. އެހެންކަމުން ތިމާގެ އިސްތަށިގަނޑަށް އެންމެ އެކަށީގެންވާ ވަރަށް ޝޭމްޕޫ ބޭނުން ކުރުން މުހިންމެވެ.
▪︎ ރަނގަޅަށް ޝޭމްޕޫތައް ފިލުވުން
ބޮލަށް ފެން އަޅާ، ރަނގަޅަށް ތެންމާލަންވީ ހަމައެކަނި ބޯ ދޮންނަން ފެށުމުގެ ކުރިން އެކަންޏެއް ނޫނެވެ. ޝޭމްޕޫ ލާ ނިމިގެން، އެޝޭމްޕޫތައް ރަނގަޅަށް ފިލުވަން ވެސް ގިނައިން ފެން އަޅާ، އަތުން އިސްތަށިގަނޑު މަޑުމަޑުން އުނގުޅަން ވެސް ވާނެއެވެ. ބޭނުމަކީ ބޮލުން ރަނގަޅަށް ޝޭމްޕޫތައް ފިލުވުމެވެ.