މިޞްރުގެ ރައީސް، ޢަބްދުލް ފައްތާޙް އަލް ސީސީ އިންތިޒާމުކުރައްވައި ބޭއްވެވި ކްލައިމެޓް އިމްޕްލިމެންޓޭޝަން ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.
އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް 27) ބާއްވަނީ މިޞްރުގެ ޝަރްމުއްޝެއިޚްގެ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ.
މި ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާ ބައިވެރިވެވަޑައިގެންނެވިއެވެ. މި ސަމިޓްގައި ނައިބު ރައީސް މިއަދުގެ ވަގުތެއްގައި ދިވެހިރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވާނެއެވެ.
ކޮޕް27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންތައް ބައިނަލްއަޤްވާމީ މުޖްތަމަޢުއާ ޙިއްޞާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުޞަތެކެވެ. ރައީސްއަކީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދިޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނާޒުކު ޙާލަތްތަކާ އަދި ކުރިމަތިވާ މާލީ ދަތިކަމާބެހޭގޮތުން ބައިނަލްއަޤްވާމީ އެކި ފޯރަމްތަކުގައި ކުދިޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި ވަކާލާތު ކުރައްވަމުންގެންދަވާ ލީޑަރެކެވެ. މީގެ އިތުރުން ދިވެހިރާއްޖެއިން ވަނީ 2030 އާ ހަމައަށް އަންނަ އިރު ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލު ކުރުމަށް އަމާޒުހިފާފައިވާކަން ވެސް އިޢުލާނުކޮށްފައެވެ.
ކޮޕް 27 އިންތިޒާމު ކުރަނީ މިޞްރު ސަރުކާރުންނެވެ.
މި ސަމިޓަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމާއި، އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމާއި، އަދި އެކަށީގެންވާގޮތެއްގައި މާލީކަންކަން ފަހިކުރުންފަދަ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އަޅާ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާގޫޅޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ.