އެޑިއުކޭޝަން މިނިސްޓަރ ޢަރަބިއްޔާގެ ބެލެނިވެރިންނާ ބައްދަލުކުރައްވައިފި
ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާ، މިނިސްޓަރ އޮފް އެޑިއުކޭޝަން އައިޝަތު އަލީ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ބެލެނިވެރިންނާ މިނިސްޓަރ ބައްދަލުކުރައްވާފައިވާ ކަމަށާއި މި ބައްދަލުކުރެއްވުމުގައި އަރައްބިއްޔާގެ އާ އިމާރާތާ ގުޅޭ މައުލޫމާތުވެސް ހިއްސާކޮށްފައިވާ ކަމަށެވެ.
ސްކޫލްގެ ބެލެނިވެރިންވަނީ، މިހާރު ޢަރަބިއްޔާ ހިންގަމުން އަންނަގޮތާއި ދަރިވަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް މިނިސްޓަރާ ޙިއްސާކޮށްފައެވެ. އަދި ސްކޫލްގެ ހިންގުމަށް ގެންނަ ބައެއް ބަދަލުތަކުގެ ކަންބޮޑުވުންތައްވެސް ވަނީ ފާޅުކޮށްފައެވެ.
އަރަބިއްޔާ ސްކޫލަށް އެކަށީގެންވާ އިމާރާތެއް ސަރުކާރުން ހޯދައި ނުދެވޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ސްކޫލްގެ ޢަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ ކުރީގެ ޖަމާލުއްދީން ސްކޫލް ހިންގި އިމާރާތް ތަޅާލުމުގެ މަސައްކަތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަރަބިއްޔާ ސްކޫލުގެ މައްސަލަ ހޫނުވެފައިވަނީ އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަޙީމް އެ މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ބެލެނިވެރިން ވަނީ މުޒާހަރާވެސް ކޮށްފައެވެ.