ޚަބަރު ސަރުކާރު

ފާއިތުވި ހަތަރު އަހަރަކީ ގޮންޖެހުން ބޮޑަސް، ކާމިޔާބު ހަތަރު އަހަރު: ޠައްޔިބު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ޠައްޔިބު މުޙައްމަދު--

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ހަތަރު އަހަރަކީ މުޅި ދުނިޔެއަށާއި، އެމަނިކުފާނަށްވެސް އެންމެ ބޮޑެތި ގޮންޖެހުންތައް ދިމާވި ހަަތަރު އަހަރު ކަމަށާއި، އެހެންނަމަވެސް އެ ހަތަރު އަހަރު ވަރަށް ކާމިޔާބު ކަަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީގެ) މެނޭޖިން ޑިރެކްޓަރު ޠައްޔިބު މުޙައްމަދު ވިދާޅުވެއްޖެެއެވެ.

Ads by Sosun Fihaara

އޭނާ މިހެން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީން ރޭ ގެނެސްދިން "ފަލަ ސުރުޚީ" ޕްރޮގްރާމްގައި، ރައީސް ޞާލިޙުގެ ވެރިކަމުގައި ފާއިތުވި ހަތަރު އަހަރާ ގުޅޭގޮތުން ދެއްކެވި ވާހަކައިގައެވެ.

ފާއިތުވި ހަތަރު އަހަރު، ކޮވިޑް-19ގެ ޢާލަމީ ވަބާއާއިއެކުގައިވެސް، ރާއްޖެއިން، ފަތުރުވެރިކަމުގެ ދާއިރާއިން ހޯދި ކުރިއެރުން ވަރަށް ރަނގަޅުކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޠައްޔިބު ވިދާޅުވިއެވެ.

"ހަގީގަތުގަ ވަރަށް ކާމިޔާބު ކަަމަށް(ދެކެނީ). މި ގޮންޖެހުންތަކާ އެކުވެސް، ދިވެހިރާއްޖެ، އަސްލުގަ ހަމަ، ފުދޭވަރަކަށް، މިހާރު، ޕްރީ ޕެންޑެމިކް، ނުވަތަ މި ބަލިމަޑުކަމުގެ ކުރިއަށް، އަޅުގަނޑުމެންގެ އިޤްތިޞާދުވެސް، ނުވަތަ އަޅުގަނޑުމެންގެ މަސައްކަތްތައްވެސް، މިދަނީ ހަލުވި ދުވެލީގައި ކުރިއަށް."

މި ކާމީޔާބީގެ ސިއްރަކީ، ޠައްޔިބު ވިދާޅުވި ގޮތުގައި، ސަރުކާރުން މަޑުމައިތިރިކަމާއި ވިސްނުންތެރިކަމާއެކުގައި ފިޔަވަޅުތައް އަޅުއްމުން ދިޔުމެވެ. ހުރިހާ ދާއިރާއަކުންވެސް، ރޭވުންތައް ރާވައިގެން ސަރުކާރުން ނިންމަވާ ނިންމުންތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިކަމުން ލިބުނު ކާމިޔާބީއަށް ބަލާއިރު، ފާއިތުވި ތިން ފަހަރުވެސް، ރާއްޖެއަށް ވަނީ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން"ގެ އެވޯޑް ލިބިފައެވެ. މި ކާމިޔާބީ އަކީ ސަރުކާރާ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި، މިއީ މުޅި ރާއްޖެއަށްވެސް ލިބުނު ފަޚުރެއް ކަމަށް އެމްއެމްޕީއާރްސީގެ އެމްޑީ ވިދާޅުވިއެވެ.

ޠައްޔިބު ވަނީ ޕެންޑެމިކްގެ ތެރޭގައި، އެންމެ ފުރަތަމަ ބޯޑަރު ހުޅުވައިލި އެއް ގައުމަކީ ދިވެހިރާއްޖެ ކަމަށާއި، އެއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޙިކުމަތްތެރި ނިންމެވުމެއްކަން ފާހަގަކުރައްވައި އެމަނިކުފާނަށް ތަޢުރީފު ކުރައްވައިފައެވެ. ރާއްޖެއަށް ލިބުނު ކާމިޔާބީގެ އެންމެ ބޮޑު އެއް ބަޔަކީ ރައީސްގެ އެ ނިންމެވުން ކަމުގައިވެސް އޭނާ ސިފަ ކުރެއްވިއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!