ދުނިޔެ

އިންޑިއާ ރައްޔިތުން ދެން ސައުދީ ވިސާއަށް އެދޭއިރު ޕޮލިސް ކްލިއަރެންސް ހޯދަން ނުޖެހޭނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސައުދީއަށް ދާން ބޭނުންވާ ވިސާއަށް މީގެ ކުރިން އިންޑިއާގެ ރައްޔިތުން ހޯދަން ޖެހޭ، ޕޮލިސް ކްލިއަރެންސް މީގެ ފަހުން ހޯދަން ނުޖެހޭ ގޮތަށް ނިންމައިފިެއެވެ.

Ads by WAMCO

އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ ސައުދީ އެމްބަސީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސައުދީ އަރަބިއްޔާއަށް ވިސާ ހޯދުމަށް އިންޑިއާގެ ރައްޔިތުންނަށް ފުލުހުންގެ ކްލިއަރެންސް ސެޓްފިކެޓް ބޭނުން ނުވާނެ ކަމަށެވެ.

އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ ވިސާއަށް އެދޭ އިންޑިއާ މީހުންނަށް ޕޮލިސް ކްލިއަރެންސް ސެޓްފިކެޓް ނުވަތަ ޕީސީސީ ހުށަހެޅުމުން މިހާރު އިސްތިސްނާވާނެ ކަމަށެވެ.

އަދި މިގޮތަށް ނިންމީ އިންޑިއާ އާއި ގަލްފުގެ ދައުލަތާ ދެމެދު އޮތް "ބަދަހި ގުޅުމާއި ސްޓްރެޓެޖިކް ޕާޓްނާޝިޕް" އާއި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ރިއާޔަތްކޮށް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އަދި ސައުދީގައި ސުލްހަވެރިކަމާއެކު ދިރިއުޅެމުންދާ އިންޑިއާގެ ދެ މިލިއަނަށްވުރެ ގިނަ ރައްޔިތުންގެ އެހީތެރިކަން އެމްބަސީން ބަލައިގަންނަ ކަމަށް އެ ބަޔާނުގައި ވެއެވެ.

މިކަމުގެ ސަބަބުން ސައުދީއަށް ދާން ބޭނުންވާ އިންޑިއާ މީހުންގެ އެޕްލިކޭޝަންތައް ޕްރޮސެސްކުރުން އަވަސްވެގެންދާނެއެވެ.

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން 2019 ވަނަ އަހަރު އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ކުރެއްވި އެއް ދުވަހުގެ ދަތުރުފުޅުގައި ވިދާޅުވެފައި ވަނީ އިންޑިއާ އާއި ސައުދީއާ ދެމެދު އޮންނަ ގުޅުން ކުރިއަރުވަން ބޭނުންވާ ކަމަށެވެ.

ސަލްމާންގެ އެ ދަތުރުފުޅުގައި ސައުދީން ވަނީ އިންޑިއާގެ ހައްޖު ކޯޓާ ވެސް އިތުރުކޮށް، ހައްޖަށް މައްކާއަށް މީހުން ފޮނުވާ ގައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ހައްޖު ކޯޓާ އިންޑިއާއަށް ދީފައެވެ. އެ އަހަރު އިންޑިއާއިން ހައްޖަށް ދިޔަ މީހުންގެ އަދަދު ވަނީ ދެ ލައްކައަށް އަރައެވެ.

މީގެ ކުރިން 2016 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސައުދީގެ އެންމެ މަތީ މަދަނީ ޝަރަފު، ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވަނީ އަރުވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!