މީހުން ލައިފްސްޓައިލް

އަޑިއަށް ގޮސްފައިވާ މިސްކިތެއް އަލުން ފެނުން މައްޗައް އަރައިފި

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

އިންޑިއާގެ ބިހާރުގެ މީހެއް ކަމަށްވާ މުޙައްމަދު އަފްތާބު ހުސައިން ބުނާގޮތުގައި އޭނާގެ އަވަށުގައި ހުންނަ ނޫރީ މަސްޖިދު ކިޔާ މިސްކިތަކީ އޭނާ ކުޑައިރުގައި ނަމާދުކޮށް ކިޔަވަން ދާތަނެވެ.

Ads by STELCO

މިހާރު 50 އަހަރު ފުރިފައިވާ އަފްތާބު ކިޔާދިން ގޮތުގައި މި މިސްކިތް މީގެ 36 އަހަރު ކުރިން ވަނީ އެ އަވަށުގައި ހެދި ޑޭމް އެއްގެ ސަބަބުން ފެންބޮޑުވެ މިސްކިތް އެއްކޮށް ފެނުގެ އަޑިއަށް ގޮސްފައެވެ.

އަފްތާބު؛ އޭނާގެ މިހާރުގެ ގޭގެ ކުރިމަތީގައި ހުއްޓިލައިގެން

އެކަމަކު މި އަހަރުގެ ސްޕްޓެމްބަރު މަހުގެ ކުރީކޮޅުގައި އިންޑިއާއަށް އާދަޔާ ޚިލާފަށް ހޫނުވެ، ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ހޭދަވެފައިވުމުގެ ސަބަބުން މި މިސްކިތް ވަނީ އެއްކޮށް ފެނުން މައްޗައް އަރާފައެވެ.

މި މިސްކިތް ބަލާލުމަށްޓަކައި ފުލްވަރިޔާ ޑޭމް ނަމަކަށް ކިޔާ މި ޑޭމް ކައިރިއަށް މިހާރު ދަނީ އެތައް ފަތުރުވެރިންނެއް ޖަމާވަމުންނެވެ.

މޫސުމާ ބެހޭ މާހިރުން ބުނާ ގޮތުގައި މި ގޮތަށް މިސްކިތް އެއްކޮށްހެން މިހާރު ފެންނަން އޮތުމަކީ އިންޑިއާއަށް އައިސްފައިވާ ހަނަފަސްކަމުގެ އިތުރު ހެއްކެތްކަމެވެ. ނަމަވެސް އަފްތާބު ބުނަނީ އޭނާއަށް މިކަމުގެ ސަބަބުން ކުރެވުނީ މުޅިން އެހެން އިހުސާސްތަކެކެވެ. މި ޑޭމް ހުރި އަވަށް ކަމަށްވާ ޗިރައިލާއިން އަފްތާބު އާއި އޭނާގެ އާއިލާ އާއި އެތާންގައި ދިރިއުޅެމުން ދިޔަ އެތައް ބަޔެއް އެ އަވަށުން ބޭރު ކޮށްލި ގޮތް އޭނާގެ ހަނދާނަށް އަންނަ ކަމުގައި އޭނާ ކިޔާދިނެވެ.

"ޗިރައިލާގެ ކުޑަ ކުޑަ އަވަށުގައި އޭރު މުސްލިމުންނާއި ހިންދޫން އެކުގައި ދިރިއުޅެމުން ދިޔަ. ބައެއް މީހުން ދަނޑު ގޮވާން ކުރި އިރު އަނެއްބައި މީހުންނަކީ ބިން ހުރި މީހުން. މިތަނުގައި ކުދި ފަރުބަދަތަކާއި ކޯރުތައް ހުރީމަ އޭރުގަ މީހުން ފެންވެސް ބޭނުން ކުރާނީ އެ ކޯރުތަކުން. މިތަން ހީވާނީ ހަމަ ކަޝްމީރުހެން." އޭނާ ކިޔައިދިނެވެ.

1985 ގައި ޗިރައިލާއާއި އަދި އެހެންވެސް އަވަށްތަކުން މީހުން 7 ކިލޯ މީޓަރު ދުރުގައިވާ އަވަށެއްކަމުގައިވާ ހަރިދްޔާއަށް ބަދަލުކުރަން އުޅުމުން އެންމެން ކަހަލަ ގޮތަކަށް އެކަމާ ދެކޮޅު ހެދިއެވެ. އެހެންނަމަވެސް މި އަވަށްތަކުން މީހުން ބާލައި ހަރިދްޔާގައި އާބާދުކުރިއެވެ. އަދި އަވަށުގައި ހުރި ހުރިހާ އިމާރާތްތަކެއް ތަޅާލިކަމުގައި ވިޔަސް ނޫރީ މަސްޖިދަކީ ދީނީ ތަނަކަށް ވުމާއެކު އެ މިސްކިތް ތަޅާނުލައި ހުރީއެވެ.

މި އަވަށުގެ މީހުން އާބާދު ކުރި އައު އަވަށުގައި އަފްތާބު ބުނާ ގޮތުގައި ހުރީ ހުސް ބިމެކެވެ. އެހެންކަމުން އެމީހުން ޖެހުނީ މުޅި ދިރިއުޅުން އަލުން ބަލުން އާރާސްތު ކުރާށެވެ. އަދި އެތަނުގައި ދަނޑުވެރިކަން ކުރުމަށް ޖާގަ ނެތުމުން އެމީހުންގެ ޒަމާނުއްސުރެ ކުރަމުން އައި އާމްދަނީގެ މަސައްކަތްވެސް ކުރެވޭނެ ގޮތެއް ނެތި ގިނަ މީހުން ޖެހުނީ އެކި ތަންތަނުގައި ބުރަ މަސައްކަތް ކޮށްގެން ފައިސާ ހޯދާށެވެ.

"މިތަނުގައި އެކަކުވެސް އުޅެނީ އުފަލަކުން ނޫން. އަހަރެމެން އެންމެންވެސް އަމިއްލަ އަވަށް ވަރަށް ހަނދާންވޭ" އަފްތާބު އޭނާގެ އުދާސްތައް ބޭރުކޮށްލަމުން ބުނެއެވެ.

މި މިސްކިތް މިގޮތަށް އަލުން ފެނުމުން އެފަދަ މިސްކިތެއް އެމީހުން މިހާރު އުޅޭ އަވަށުގައިވެސް އަޅަން ބޭނުންވާ ކަމަށް އެ އަވަށުގެ މީހުން ބުނެއެވެ. އެހެންނަމަވެސް އެފަދަ ފުރިހަމަ ދެވަނަ މިސްކިތެއް ނުހެދޭނެކަން ވެސް އިނގޭކަމަށް ވެސް އެމީހުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!