ޚަބަރު

އަތުލައިގަތް ލަންކާގެ މަސްބޯޓްތައް މާލެ އަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި ސްރީލަންކާގެ ތިން މަސް ބޯޓް، މާލެ ގެނަައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މި ބޯޓްތައް ހިފަހައްޓާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލްކުރުމުގެ ތެރެއިންނެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް ހިފެހެއްޓި ދެ ބޯޓެއް، ކޯސްޓްގާޑް ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ނޮވެންބަރު 30 ވަނަ ދުވަހުއެވެ.

ސްރީލަންކާގެ މި ދެ ބޯޓަކީ "ބަނޫޒަން" ނަމަކަށް ކިޔާ ބޯޓަކާއި "ރަތު 01" ނަމަކަށް ކިޔާ ބޯޓެކެވެ. މި ދެ ބޯޓްގެ ތެރެއިން ކޮންމެ ބޯޓެއްގައި ވެސް ސްރީލަންކާގެ ހަ ފަޅުވެރިން ތިއްބެވެ.

ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެވުނު ސްރީލަންކާގެ ތިންވަނަ މަސް ބޯޓަކީ "ލަކްޕްވިޔާ ދެނެތު" ނަމަކަށް ކިޔާ މަސް ބޯޓެކެވެ. ހަތް ފަޅުވެރިންނާއެކު ރާއްޖޭގެ ސަރަހައްދުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ މި ބޯޓް ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ޑިސެންބަރު 1 ވަނަ ދުވަހުއެވެ.

މި ބޯޓްތަކުން ގިނަ އަދަދަކަށް މިޔަރު ބާނާފައިހުރިއިރު، ބައެއް އެހެން ބާވަތްތަކުގެ މަސް ވެސް ހުއްޓެވެ.

ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށުން މި ބޯޓްތައް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، މި ބޯޓްތައް ދޫނިދޫއާ ހަމައަށް އާދެވޭނެ ކަމަށް ލަފާކުރެވެނީ މިރޭ ދަންވަރު 1 ޖަހާކަންހާއިރުއެވެ.

  1. ދިވެހި ރާއްޖޭގެ ކަންޑު ތަކާއި ކަންޑުގައި ހުރި މަސްތައް ރަގަޅަށް މެނޭޖު ކުރެވިއްޖެއްޔާ ދުނިޔޭގެ މަހުގެ ބާޒާރު ދިވެހިންނަށް ވެސް ކޮންޓްރޯލް ކުރެވިދާނެ، ތެލުގެ ބާޒާރު އޯޕެކް ޤައުމުތަކުން ކޮންޓްރޯލް ކުރާގޮތަށް !