އަސްކަރީ އަދި އިގްތިސާދީ ވާދަވެރިކަމުގައި، އެމެރިކާ އާއި ޗައިނާއާ ދެމެދު ޚިޔާލު ތަފާތުވުން ބޮޑުވެ، އެމެރިކާގެ ބަދަލުގައި އާ ބައިވެރިން ހޯދުމަށް ޗައިނާ އިން ފަށާފައިވާ މަސައްކަތުގެ ތެރެއިން، ޗައިނާގެ ރައީސް ޝީ ޖިންޕންގް ސައޫދީ އަރަބިއްޔާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.

Ads by Sosun Fihaara

ދެ ދުވަހުގެ މި ދަތުރުފުޅެއްގައި ރައީސް ޝީ، ސައޫދީ އަށް ވަޑައިގަންނަވާނީ މިއަންނަ ބުރާސްފަތި ދުވަހު އެވެ. ސައޫދީގައި ރައީސް ޝީ ހޭދަކުރައްވާ ދެ ދުވަހުގެ ތެރޭގައި މުހިންމު ތިން ބައްދަލުވުމެއް ބާއްވަވާނެ އެވެ. ފުރަތަމައީ ސައޫދީގެ އިސް ވެރިންނާ އެކުގައި ބާއްވާ ދެ ގައުމުގެ ރަސްމީ މަޝްވަރާތަކެވެ. އޭގެ ފަހުން އޮންނާނީ އަރަބި ގައުމުތަކުގެ ވެރިންނާ އެކުގައި ބާއްވަވާ އަރަބި-ޗައިނާ މަހާސިންތާ އާއި ގަލްފުގެ ގައުމުތަކުގެ ވެރިންނާ އެކުގައި ބާއްވާ ޗައިނާ-ޖީސީސީ ކޮންފަރެންސެވެ.

ޗައިނާ އާއި ސައޫދީގެ ބައެއް އޮފިޝަލުން ވިދާޅުވާ ގޮތުގައި ރައީސް ޝީއާ މަޝްވަރާ ކުރެއްވުމަށް، 14 އަރަބި ގައުމެއްގެ އެންމެ މަތީ ވެރިން ސައޫދީ އަށް ވަޑައިގަންނަވާނެ އެވެ. ސައޫދީ އޮފިޝަލުން ވިދާޅުވާ ގޮތުގައި ރައީސް ޝީގެ މި ދަތުރުފުޅަކީ އަރަބި-ޗައިނާ ގުޅުމުގައި ކުރިއަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވާނެއެވެ.

ރައީސް ޝީ ސައޫދީ އަރަބިއްޔާ އަށް ވަޑައިގަންނަވާ އިރު، ސައޫދީ އަރަބިއްޔާއަކީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އެމެރިކާއާ ގުޅުން އެންމެ ބަދަހި ގައުމެވެ. ރައީސް ޝީ ސައޫދީ އަށް ވަޑައިގަންނަވާ ކަމުގެ ޚަބަރުތައް ބައިނަލްއަގުވާމީ މީޑިއާގައި ދައުރުވަމުންދާތާ މަސްތަކެއް ވެފައިވާ އިރު، ސައޫދީ އާއި ޗައިނާ އިން ވެސް ރަސްމީ ސިފައެއްގައި މިކަން ޔަގީނެއް ނުކޮށްދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!