ދުނިޔެ

ޕާކިސްތާނާއި އިންޑިއާއިން ވަގަށް ނެގި ބައެއް އާސާރުތައް ހަވާލުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ އާއި ޕާކިސްތާނުން ވަގަށް ނަގާފައިވާ ތާރީހީ އެތައް އެއްޗެއް އެމެރިކާ އިން އަނބުރާ އެ ދެ ގައުމާ ހަވާލުކޮށްފިއެވެ.

Ads by Sosun Fihaara

މިތަކެއްޗަކީ ތާރީހީ ތަކެތި ވަގަށް ނެގުމުގައި ނަން މަޝްހޫރު މީހެއް ކަމަށްވާ ސުބާޝް ކަޕޫރު ވަގަށް ނަގާފައިވާ ތަކެއްޗެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ އިތުރުން އެހެން ގައުމުތަކުން ތާރީހީ ތަކެތި ވަގަށް ނެގުމުގެ ކުށް ސުބާޝްގެ މައްޗަށް ސާބިތުވާ ކަމަށް އެމެރިކާގެ ނިއުޔޯކްގެ ކޯޓަކުން ވަނީ ކަނޑައަޅާފަ އެެވެ. އަދި މިފަދަ ތަކެތި އަނބުރާ އެ ގައުމުތަކަށް ރައްދުކުރުމަށް އެމެރިކާގެ ކަމާ ގުޅޭ އިދާރާތަކުން ވަނީ ނިންމާފައެވެ.

އެގޮތުން އިންޑިއާއާ ހަވާލުކުރި 307 އައިޓަމްގެ އަގު ހަތަރު މިލިއަން ޑޮލަރަށް އަރަ އެވެ. މީގެ އިތުރުން ޕާކިސްތާނުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 3.4 މިލިއަން ޑޮލަރުގެ އަގުހުރި 192 ބުދުވެސް ވަނީ ޕާކިސްތާނާ ހަވާލުކޮށްފަ އެވެ. މީގެތެރެއިން 187 ބުދު ފެނިފައިވަނީ ސުބާޝް ކަޕޫރުގެ އާޓް އޮފް ދަ ޕާސްޓް ކިޔާ ގެލަރީއެއްގައި ވިއްކަމުން ދަނިކޮށެވެ.

ސުބާޝް ކަޕޫރު ވަނީ އިންޑިއާ އާއި ޕާކިސްތާންގެ އިތުރުން ސްރީލަންކާ، ތައިލެންޑް، އަފްޣާނިސްތާން އިންޑޮނީޝިއާ ފަދަ އޭޝިއާގެ ގައުމުތަކުން ގިނަ އަދަދެއްގެ އާސާރީ ތަކެތި ވަގަށް ނަގާފައެވެ.

މިތަކެތި ފެނިފައިވަނީ އެމެރިކާގެ މެންހަޓަންގައި ހުންނަ ޝުބާޝް ކަޕޫރުގެ އާޓް އޮފް ދަ ޕާސްޓް ކިޔާ ގެލަރީއެއްގައި ވިއްކަން ބަހައްޓާފައި ވަނިކޮށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!