އެސްޓީއޯގެ ޓީމުން ކުރަނީ ލާމަސީލު ޤައުމީ މަސައްކަތެއް، ޓީމާ ގުޅެން ގިނަ ބަޔަކު ބޭނުންވޭ: އަމްރު
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މުވައްޒިފުން ކޮންމެ ދުވަހަކު ކުރަމުން އަންނަނީ ލާމަސީލު މަސައްކަތެއް ކަމަށާއި، އެތަނުގައި މަސައްކަތް ކުރާ ކޮންމެ މުވައްޒިފަކީ ވެސް ފަރުވާތެރި ކަމާއެކު ޤައުމީ މަސައްކަތެއް ކުރަމުން އަންނަ މުވައްޒިފުންތަކެއް ކަމަށް އެ ކުންފުނީގެ ސީއީއޯ، ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވީ، އެސްޓީއޯގެ މުވައްޒިފުންގެ އަގު ވަޒަންކުރުމަށް ރޭ އެކުންފުނިން ބޭއްވި ޖަލްސާގައި، މުވައްޒިފުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
"މިފަދަ އެވޯޑެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ، އެސްޓީއޯއިން ރައްޔިތުންނަށް ދޭ އެކި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހީވާގި މުވައްޒިފުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުން." އެސްޓީގެ އެވޯޑްގެ މަޤްސަދާއި ގުޅޭ ގޮތުން އަމްރު ވިދާޅުވިއެވެ.
އަމްރުގެ ވާހަކަފުޅުގައި ވިދާޅުވީ، އެސްޓީއޯގެ ފައިދާ ކޮންމެ ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ކަމަށާއި އެކަމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯގެ 2200 މުވައްޒިފުން ކުރަމުން އަންނަ ބުރަ މަސައްކަތް ކަމަށެވެ.
އެސްޓީއޯގެ މުވައްޒިފުންގެ ޚިދުމަތްތަކަށް ތައުރީފް ކުރައްމުން އަމްރު ވިދާޅުވީ އެ ޓީމުގައި ހިމެނޭ ކޮންމެ މީހަކީ ވެސް ވަޒީފާގެ ބޭރުން ވަރަށް ގިނަކަންކަންކޮށްގެން، ގިނަ ޚިދުމަތްތަކެއް ކުރަމުން އަންނަ ފަރާތްތަކެއް ކަމަށެވެ.
"ޓީމް އެސްޓީއަކީ ނަމޫނާ ޓީމެއް. ކޮންމެ ދުވަހަކު މި ޓީމުން ކުރާ މަސައްކަތަކީ ހަމައެކަނި ވަޒީފާއަކަށް ކުރާ ކަމެއް ނޫން. އެސްޓީއޯގެ މުވައްޒިފުން ކުރަނީ ލާމަސީލު ޤައުމީ މަސައްކަތެއް." އެސްޓީގެ މަޤްބޫލުކަން ރައްޔިތުންގެ ތެރޭގައި އޮންނަކަން އެސްޓީއޯގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުން އިނގޭ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އެސްޓީއޯއިން ހުޅުވާލެވޭ ވަޒީފާގެ ފުރުސަތުތަކަކީ ވަރަށް ޝައުޤުވެރިކަން ލިބޭ ވަޒީފާތަކެއްކަން. ކޮންމެ ވަޒީފާއަކަށް ހުޅުވާލިޔަސް 200އެއްހާ އެޕްލިކަންޓްސް އެބަލިބޭ"
އަމްރު ވިދާޅުވީ ރޭ ދިން ފަދަ އެވޯޑްތައް ދިނުމުގެ އެއް މަޤްސަދަކީ އަލަށް ވަޒީފާއަށް ވަންނަ މުވައްޒިފުންނަށް ވެސް ވަޒީފާއަށް ޝައުގުވެރި ކުރުވާ، ޚިދުމަތުގެއަގު ވަޒަން ކުރުން ކަމަށެވެ. އަދި މުވައްޒިފުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަ ކުރެއްވިއެވެ.