Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ރިޟްވާން މައްސަލައިގައި ހިމެނޭ މީހަކު ފުރުވައިލުމަށް ރައީސް ޔާމީން އެހީތެރިވެދެއްވި ކަމަށް ތުހުމަތު ކޮށްފި

ރިޟްވާން މައްސަލައިގައި ހިމެނޭ މީހަކު ފުރުވައިލުމަށް ރައީސް ޔާމީން އެހީތެރިވެދެއްވި ކަމަށް ތުހުމަތު ކޮށްފި
މިނިވަން ނޫހުގެ ނޫސްވެރިޔާ، އަޙްމަދު ރިޟްވާން ރަހީނުކޮށް މަރައިލި މައްސަލައިގައި ތުހުމަތުކުރެވޭ މުޙައްމަދު މުނާޒް ސީރިއާއަށް ފުރުވައިލީ އޭރުގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ އެހީތެރިކަމާއެކުގައި ކަމަށް، މި ސަރުކާރުން އުފެއްދި މަރު ކޮމިޝަނުން ތުހުމަތު ކުރައްވައިފިއެވެ. ގެއްލުވާލާފައިވާ މީހުނާއި މަރާލާފައިވާ މީހުންގެ މައްސަލަތަކަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ރިޟްވާނަށް ވީގޮތް، ވެރިކަމުގެ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ހާމަކުރެއްވުމަކީ، މި ސަރުކާރުގެ އެއް ވަޢުދެވެ. ނަމަވެސް މިފަދަ މައްސަލަތަކުގެ ތަހުޤީޤު ފުރިހަމަކޮށް އިންސާފު ހޯދައިދިނުމުގައި ލަސްވަމުންދާތީ މި ސަރުކާރަށާއި އެ ކަމަށް އެކުލާވަލި ކޮމިޝަނަށް ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް، މަރު ކޮމިޝަނުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސް ވިދާޅުވީ، ރިލްވާގެ މަރުގެ ތަހުގީގެ ތެރެއިން އޭރުގެ ސަރުކާރުގެ ބައެއް އިސްވެރިންގެ ބައިވެރިވުން ފާހަގަކުރެވިފައިވާ ކަމަށާއި، ފުލުހުން، ރިލްވާންގެ މަރުގެ މައްސަލައިގައި ކުރި ތަހުޤީޤަށް ހައްޔަރުކުރި ބައެއް ފަރާތްތައް ދޫކުރުމަށް ސަރުކާރުގެ ބައެއް އިސްވެރިން މަސައްކަތް ކުރެއްވި ކަމަށެވެ. ރިޟްވާން ގެއްލުވައިލި މައްސަލައިގައި ތުހުމަތުކުރެވޭ ތ. އޮމަދޫ ނަރުގިސްވިލާ، މުޙައްމަދު މުނާޒް ސީރިއާއަށް ފުރުމުގެ ކުރިން އެއިރުގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް އޭނާގެ ބައިވެރިވުން ނުހިމެނޭ ގޮތަށް ރިޟްވާން ގަދަކަމުން ކާރަށް ލައިގެން ގެންގޮސް މަރާލުމުގައި ބައިވެރިވި މީހުންނާއި، އެކަންކުރި ގޮތް ކިޔައިދީފައިވާ ކަމަށް ކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާ ކަމަށް މިސްބާހު ވިދާޅުވިއެވެ.
" އަދި އޭނާ ސީރިއާއަށް ފުރައިގެން ގޮސްފައިވަނީ އެއިރުގެ ރައީސުލްޖުމްހޫރިއްޔާގެ އެހީތެރިކަމާއެކުންކަން ވެސް ތަހުގީގަށް އެނގިފައިވޭ. މި މައުލޫމާތު ކޮމިޝަނާ ހިއްސާކުރި ފަރާތަކީ މުނާޒްއާ ވަރަށް ގާތް އަދި މުނާޒް ސީރިއާގާ ހުރެގެން އެ މީހުންނާ ބައިވެރިވެ ހަނގުރާމަކުރުމަށް ސީރިއާއަށް ދާން ރެކްރޫޓްކުރަން އުޅުނު ފަރާތެއްކަން ފާހަގަކުރެވޭ،" މިސްބާހް ވިދާޅުވިއެވެ.
މިސްބާހް ވަނީ ރިޟްވާން ގެއްލުނު މައްސަލައިގެ ކަން ހިނގައި ދިޔަ ގޮތް، މުނާޒް، ރައީސް ޔާމީނަށް ކިޔައިދިންކަމުގެ ހެކިހުރި ކަމަށް ބައެއް ފަރާތްތަކުން ކޮމިޝަނަށް މަޢުލޫމާތު ދީފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. ރިޟްވާން މައްސަލައިގައި ރައީސް ޔާމީނަށް، މި ސަރުކާރުން ބޮޑު ތުހުމަތެއް ކުރިއިރު، މި މައްސަލައިގައި ޔާމީނާ ސުވާލު ކުރުމަށް މިދިޔަ އަހަރު އޮގަސްޓް މަހު ވަނީ ރިޔާސީ ކޮމިޝަނަށްވެސް ހާޒިރުކޮށްފައެވެ.  

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް