އެޗްޑީސީގެ އެމްޑީ އާތިފް ''ހިޔާ ކޮމިއުނިޓީ"ގެ އިސް ވެރިންނާ ބައްދަލުކުރައްވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކުގެ ކަންކަން ހައްލުކުރުމަށް އެކުލަވާލައިފައިވާ ''ހިޔާ ކޮމިއުނިޓީ"ގެ އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އާތިފް ބައްދަލުކުރައްވައިފިއެވެ.
ދެވަނަ ފިޔަވަހީގައި އިއްޔެ ބޭއްވި ބައްދަލުވުމާ ގުޅިގެން އާތިފް ވިދާޅުވީ ''ހިޔާ ކޮމިއުނިޓީ" ބޭފުޅުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި އެޗްޑީސީގެ މެނޭޖްމަންޓަށް އިތުރަށް ރަނގަޅުކުރެވިދާނެ ޚިދުމަތްތަކާމެދު ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށެވެ.
އަދި ހިޔާ ސަރަހައްދުގެ އިތުރު ފަރާތްތަކާ ކުރިޔަށް އޮތްތަނުގައި ބައްދަލުކުރައްވައި މަޝްވަރާކުރައްވައި ޚިޔާލު ހޯއްދަވަމުން ގެންދަވާނެކަމަށް ވެސް އާތިފް ވިދާޅުވިއެވެ.
މީގެއިތުރުން އާތިފް ވިދާޅުވީ އެ ކުންފުނިން ޢާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކޮށް ފުޅާކުރުމުގައި އެ ފަރާތްތަކުގެ ޚިޔާލު ހޯދުމަކީ މުހިންމު ކަމެއް ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.