Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ދަފްތަރުން މެންބަރުން ވަކިކުރީ ރައީސް ނަޝީދަށް އޮތް ތާއީދު ކުޑަކޮށްލުމަށް: އިންތި

ދަފްތަރުން މެންބަރުން ވަކިކުރީ ރައީސް ނަޝީދަށް އޮތް ތާއީދު ކުޑަކޮށްލުމަށް: އިންތި
އެމްޑީޕީގެ އާއްމު މެންބަރުންގެ ތެރެއިން 39،900 މެންބަރުން، ވަކި މުއްދަތެއްގެ ތެރޭގައި ވަކިވާނެ ކަމުގެ ނިންމުމެއް ނިންމެވުމަކީ ރައީސް މުޙައްމަދު ނަޝީދަށް އެމްޑީޕީގެ ޕްރައިމަރީގައި އޮތް ތާއީދު ކުޑަކޮށްލުމަށް ކުރި ކަމެއް ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ. ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދު ހޯދުމަށް މިއަދު މާލޭގައި ވަނީ ހަރަކާތެއް ބާއްވާފައެވެ. ހަރަކާތުގެ ތެރެއިން "ދެން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ، ދަފްތަރުން މެންބަރުން ވަކި ކުރީ "ޓާގެޓް" ކުރެވިގެން ކަމަށެވެ. ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ދަފްތަރުން ކުއްލިއަކަށް ގިނަ މެންބަރުންތަކެއް އުނި ވެއްޖެ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭގެ ޖަވާބުގައި އެމްޑީޕީން ވިދާޅުވީ ޕާޓީން ބަލަހައްޓަމުންދިޔަ ދަފްތަރު އޮތީ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި އެ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށާއި ވޯޓު ގަޑުބަޑުކޮށްލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށް ކަމަށެެވެ. އަދި ލެކްޝަންސް ކޮމިޝަންގެ އެމްޑީޕީގެ ރަސްމީ ދަފްތަރުގައި ތިބި މީހުން ޕާޓީގެ ސައްޙަ މެންބަރުންގެ ގޮތުގައި ކަނޑައަޅާ ބާކީ ތިބި މީހުްނ، އެމްޑީޕީގެ މެމްބަރުކަން ސައްޙަކުރުމަށް ތިން މަސް ދިން ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވީ، އެ ނިންމުން ނިންމާފައިވަނީ ޗެއަރ ޕާސަން އިންތިޚާބަށް ފަހުގައި ފުރަތަމަ ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކަމަށެވެ. އަދި އެ ބައްދަލުވުމަކީ މީޑިއާއަށް ނުވަދެވޭނެ ގޮތަށް ބޭއްވި ބައްދަލުވުމެއް ކަމަށާއި އެހެންވެގެން މީޑިއާގައި އެކަން ކަވަރުވެފައި ނެތީ ކަމަށް ވިދާޅުވީވެ. "ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވެސް އަޅުގަނޑުމެން އެކަމާ ދެކޮޅު ހެދިން. އަދި މަޖިލިސްގެ ނައިބު އީވާ އަބްދުﷲ، އެ ޤަރާރު އޮތްގޮތް ބަދަލު ކުރުމަށް ހުށަހެޅުއްވުމެއް ވެސް ހުށަހެޅުއްވި. އެހެންނަމަވެސް އެ ހުށަހެޅުން ބަލައެއް ނުގަތް" ދަފްތަރުގެ މެންބަރުން އުނި ކުރި ވާހަކަ ކުރިން ފެންމަތި ނުކުރީ ކީއްވެގެންތޯ ސުވާލު ކުރުމުްނ އިންތި ވިދާޅުވިއެވެ. އިންތި ވިދާޅުވީ، މިއަދު ރައީސް ނަޝީދަށް ތާއީދު އޮތް މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ފެށުމާއެކު، ގިނަ އަދަދެއްގެ "އަސްލު އެމްޑީޕީ ފިކުރުގެ" މީހުން ޕާޓީން ވަކިކޮށްފައިވާކަން އެނގިގެން ދިޔަ ކަމަށެވެ. "މީގެ ޓާގެޓަކީ އަޅުގަނޑު ހިތުން، މިކަހަލަ ޕްރައިމަރީއެއް އޮތްކަން ދެނެގަނެ. އޭގެ ކުރީގައި ޕާޓީގެ މިހާ ގިނަ އަދަދެއްގެ މެންބަރުން ވަކިކޮށްލުން. ވަކިކޮށްލީމަ، 39 މެންބަރުން ވަކިވީމަ، އަސްލު އެމްޑީޕީގެ ފިކުރުގެ ގިނަ ބަޔަކު އުނިވެގެން އެބަދޭ. އެހެންވީމަ ރައީސް ނަޝީދަށް އޮތް ތާއީދު ކުޑަކޮށްލުމަށް ކުރި ކަމެއްގެ ގޮތުގައި އަޅުގަނޑަށް ސިފަ ކުރެވެނީ." އިންތި ވިދާޅުވީ، ކުއްލިއަކަށް އެހާ ގިނަ މެންބަރުން ވަކި ކުރަންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.
"ޗެއަރޕާސަން ކަމުގެ އިންތިޚާބުގައި ވެސް ވޯޓް ލީ އެ ދަފްތަރަށް"
އެމްޑީޕީގެ ޕްރައިމަރީއަށް ހުޅުވާލާފައި ވާއިރު، އިންތިޚާބު އޮންނާނީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހެއެވެ. ރައީސް ނަޝީދުގެ އިތުރުން ދެން އިންތިޚާބުގައި ވާދަ ކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް