ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމަކާ، 5 މިލިއަންގެ ޖޫރިމަނާއެއް
ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ދެންމެ އިއްވި ހުކުމުގައި ވަނީ ރައީސް ޔާމީންގެ ލޯންޑަރިންގެ ކުށް ސާބިތުވެ ހަތް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ. މީގެ އިތުރުން ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ 4 އަހަރުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ.
މިއާއެކު މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ އިއްވި ޖަލު އަދަބާއެކު ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ޖޫރިމަނާ ކުރި 5 މިލިއަން ޑޮލަރު ހަ މަސް ދުވަސް ތެރޭ މަރުކަޒީ ބޭންކް އެމްއެމްއޭއަށް ދެއްކުމަށް ވެސް ޔާމީންގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.
ޔާމީންގެ މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަމުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ރިޝްވަރު ދިނުމުގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އަބްދުﷲ ޔާމީންގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.
މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ކޯޓުގެ ހުކުމުގައިވަނީ އާރަށް މައްސަލާގައި ރިޝްވަތު ހޯދަން ޔާމީން މަސައްކަތް ކުރެއްވިކަން ސާބިތުވެފައި ވާއިރު، އޭގެފަހުން ޔޫސުފް ނައީމްގެ ފަރާތުން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވުމުން އެއީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު ވެސް އެނގޭނެ ކަމަށެވެ.