ރައްޔިތުންގެ އެއްބާރުލުން ލިބޭނަމަ، މާލެ ތެރެ އެއްކޮށް ސާފު ވެގެންދާނެ: މުޢިއްޒު

ރައްޔިތުންގެ އެއްބާރުލުން ލިބޭނަމަ، މާލެ ތެރެ އެއްކޮށް ސާފު ވެގެންދާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުޢިއްޒު ވިދާޅުވީ ގޭބީސީތަކުން ނަގާ ކުނި މަގުމަތީގައި ބެހެއްޓުމަށްފަހު ރޭ ވެމްކޯއިން ކުނި ގެންގޮސްފައި ނުވާ ކަމަށެވެ. އަދި މާލެ ސިޓީ ސާފުތާހިރުކޮށް ބޭއްވުމަށް ކުރަންޖެހުނު ކޮންމެ ކަމެއް މާލެ ސިޓީ ކައުންސިލުން ކުރާނެ ކަމަށާއި މާލޭގެ މަގުތަކާއި އާންމު ތަންތަން ސާފުތާހިރުކޮށް ބޭއްވުމަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވުމަކީ ކައުންސިލްގެ އިލްތިމާސެއް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މިކަމުގަ ރައްޔިތުން ދެެއްވަންވީ އެއްބާރުލުމަކީ، ވެމްކޯއިން ނަގާ ކުނި، ގޭގެއިން ނަގާ ކުނި މަގުމަތީ ނުބެހެއްޓުން ކަމަށާއި އެއީ ވެމްކޯ ގެ ޒިންމާއެއް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
“ތިބޭފުޅުން ވެމްކޯއަށް ތި ދައްކަވާ ފައިސާއިން އެބޭފުޅުން ކަލެކްޓް ކުރަންޖެހޭ ކުނި ނަންގަވައިގެން ގެންދެވުން އެއީ ޒިންމާއެއް. އެކުންޏަކީ މަގުމައްޗަށް ދޫކޮށްލައްވާ ކުންްޏަކަށް ނަހައްދަވާ، އެހެން ހެއްދެވީމަ މަގުމަތި މި ހަޑި ވަނީ” މުޢިއްޒު ވިދާޅުވިއެވެ.
ރައްޔިތުންގެ އެއްބާރުލުން ކައުންސިލަށް ދޭނަމަ، މާލެ ތެރޭގައި ކުނި ނުހުންނާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި މިކަން ހަމައަކަށް އެޅެން ވަގުތުކޮޅެއް ނަގާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
“އެހެންނަމަވެސް ރައްޔިތުންގެ ސަޕޯޓް ލިބޭނަމަ، މާލެ ތެރެ އެއްކޮށް ސާފު ވެގެންދާނެ"