ދުނިޔެ

މައްކާގެ ހަރަމްފުޅަށް ސްނޯ ވެހުނު ކަމަށް ބުނެ ދައުރުވަނީ ފޭކް ވީޑިއޯއެއް!

ރައުފާ ރަޝީދު ، ދެން އޮންލައިން

އެންމެ މުޤައްދަސް ހަރަމް ކަމަށްވާ، މައްކާގެ މާތްވެގެންވާ މަސްޖިދުލްހަރަމް އަށް ސްނޯ ވެހޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެތައް މިލިއަން ވިއުސްއެއް ލިބިފައިވާ މި ވީޑިއޯއާ މެދު ގިނަ ބަޔަކު ދަނީ ސުވާލުއުފައްދަމުންނެވެ.

Ads by Sosun Fihaara

ސައުދީގެ ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރާ ހަވާލާދީ ހަރަމައިން ޝަރީފާއިން ވިދާޅުވީ މައްކާގެ މަސްޖިދުލް ހަރަމްއަށް ސްނޯ ވެހެމުންދާ މަންޒަރު ފެންނަ ވީޑިއޯ ކްލިޕެއް ސޯޝަލް މީޑިއާގައި ދައުރުވި ނަމަވެސް އެއީ ފޭކް ވީޑިއޯއެއް ކަމަށެވެ.

އަދި އޮންލައިން މޮބައިލް އެޕްލިކޭޝަނެއްގެ ބައެއް ފިލްޓަރުތައް ބޭނުންކޮށްގެން މި ކްލިޕް އެޑިޓްކޮށްފައިވާ ކަމަށް ބެލެވޭ ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ހަރަމްފުޅާ ބެހޭގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ޖިއްދާ، ތުވާލް، ރާބިގް، އަލްކާމިލް، ތައިފް، އަލްހާދާ، އަލްޝިފާ، އަލްޝިއޭބާ އަދި އަލްލައިތަށް ފަދަ ސިޓީތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ސައުދީގެ މީޓިއޮރޮލޮޖިކަލް ސެންޓަރުން ވަނީ ލަފާކޮށްފައެވެ.

މައްކާއަށް ސްނޯ ވެހުމަކީ ވަރަށް ނާދިރު ކަމެކެވެ. މިހާރު އެ ޤައުމަށް މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު އުތުރު ސަަރަހައްދައް ސްނޯ ވެހެމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

މައްކާގެ މާތްވެގެންވާ ހަރަމާއި އެތަނުގައި ހުންނަ ކައުބަތުﷲ ގެފުޅަކީ ހައްޖާއި ޢުމްރާގެ އަޅުކަމުގެ ދުވަސްވަރު ނޫނަސް އަބަދުވެސް އެތައް ސަތޭކަބަޔަކު ޖަމާވެ ނަމާދާއި ޠަވާފާއި، އަޅުކަމުގައި ވަގުތު ހޭދަކުރާ ތަނެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!