އެންމެ މަގުބޫލު އެކްޓަރުންގެ ލިސްޓުގެ އެއްވަނަ ޝާހުއަކަށް ނުލިބުނު
ބޮލީވުޑްގައި ރިލީޒްކުރާ ފިލްމުތަކުގެ ކާމިޔާބީއަށާއި އޯޓީޓީގައި ބަލާ މީހުންގެ އަދަދަށް ބަލައި އެންމެ މަގުބޫލު އެކްޓަރުންގެ ލިސްޓެއް އެކުލަވައިލެވެ އެވެ. މިލިސްޓުގެ ހަތަރު ވަނައިގައި އޮތުމަށްފަހު މިހާރު ރިލީޒްކުރަން ތައްޔާރުވަމުންދާ ޔަޝް ރާޖް ފިލްމްސްގެ "ޕަތާން" ގެ އާލީ ބުކިންއާއިއެކު ޝާހުރުކް ހާންގެ މަގުބޫލުކަން މިވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ޝާހު ވަނީ މި ލިސްޓުގެ ދެވަނަ ކަށަވަރު ކޮށްފަ އެވެ.
ލިސްޓަށް ބަލައިލާއިރު ހަތް ވަނައިގައި އުޅެނީ އެކްޓަރު އާމިރު ހާން އެވެ. އާމިރު ކުރިން އޮތީ ލިސްޓުގެ ތިން ވަނައިގަ އެވެ. އެހެންނަމަވެސް އެންމެ ފަހުން އެޅުވި އޭނާގެ "ލާލް ސިންގް ޗައްޑާ" ބޮކްސް އޮފީހުގައި ފްލޮޕުވުމާއިއެކު ލިސްޓުގެ ފަހަތަށް އޭނާގެ ނަން ވެއްޓުނެވެ.
ހަ ވަނައިގައި އުޅެނީ އެކްޓަރު އަޖޭ ދޭވްގަން އެވެ. އޭނާގެ ފިލްމުތަކާއި ވެބް ސީރީޒްތަކުން އެންމެ ކޮންސިސްޓެންޓް އެއް އެކްޓަރަކީ އަޖޭ އެވެ. އެތައް އަހަރެއް ވަންދެން އޭނާ ވަނީ މި ލިސްޓުގެ ކުރީގައި ހިފަހައްޓައިފަ އެވެ.
މިދިޔަ އަހަރުގެ ބޮޑު ފިލްމު "ބްރައްމާސްތުރަ" އަށް ފަހު ލިސްޓުގެ ފަސް ވަނައިގައި އޮތީ ރަންބީރް ކަޕޫރެވެ. މިއީ ރަންބީރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ކުރިން އެކްޓަރު ރަންވީރް ސިންގް އާއި ކާރްތިކް އާރްޔާންއަށްވުރެއް ފަހަތުގައި އޮތް ރަންބީރު ކުރިއަށް ޖެހިލީ އެންމެ ފިލްމެއްގެ ނިވަލުގަ އެވެ.
ހަތަރު ވަނައިގައި އޮތީ ރިތިކު ރޯޝަން އެވެ. ރިތިކުގެ ނަންވެސް މިވަނީ ކުރިއަށް ޖެހިލައިފަ އެވެ. މިދިޔަ އަހަރު ރިލީޒްވި ވިކްރަމް ވޭދާގެ ކާމިޔާބީއަށްފަހު އޭނާގެ މަގުބޫލުކަން އިތުރުވި އިރު މިއަހަރަކީވެސް ރިތިކް އަށް ބޮޑު އަހަރެކެވެ.
ތިން ވަނައިގައި އޮތީ އެކްޓަރު ސަލްމާން ހާން އެވެ. ސަލްމާންގެ ނަން ކުރިން ދެވަނައިގައި އޮތުމަށްފަހު ތިން ވަނައަށް ވެއްޓިފައި މިވަނީ އޭނާގެ ކާމިޔާބު ފިލްމެއް ފަހުގެ ތާރީހެއްގައި ރިލީޒްވެފައި ނުވާތީ އެވެ. އެހެންނަމަވެސް މި އަހަރަކީ ސަލްމާންއަށް ބޮޑު އަހަރެކެވެ.
ލިސްޓުގެ އެއް ވަނައިގައި އޮތީ ބޮލީވުޑްގެ ކިލާޅީ، އަކްޝޭ ކުމާރްގެ ނަމެވެ. މިދިޔަ އަހަރު ކާމިޔާބު އެންމެ ގިނަ ފިލްމުތައް ކުޅުނު އަކްޝޭ ލިސްޓުގެ އެއްވަނައިގައި އޮންނަތާ ދެ އަހަރު ވީ އެވެ. އޭނާގެ ނަން ލިސްޓުގެ ތިރިއަށް ނުވެއްޓެނީ އަހަރެއްގެ ތެރޭގައި އޭނާގެ ގިނަ ފިލްމުތަކެއް ރިލީޒްވާތީ އެވެ. މިއީވެސް އޭނާއަށް މުހިންމު އަހަރެކެވެ. ގިނަ މަސައްކަތްތަކެއް ރިލީޒްވާން ތައްޔާރުވަމުންދާ އަހަރެކެވެ.