އަނބިދަރިންނަށް ވަޒީފާ ދީގެން ކޯލިޝަން ދަމަހައްޓާ ކަމަށް ވިދާޅުވެ، ސަރުކާރަށް ފާޑުވިދާޅުވެއްޖެ

ކޯލިޝަންގެ ވެރިކަން ދެމެހެއްޓުމަށްޓަކައި، ކޯލިޝަނުގައި ހިއްސާވާ ޕާޓީތަކުގެ ވެރިންނަށާއި އެ މީހުންގެ އަނބިދަރިންނަށް ވަޒީފާ ދީގެން ސަރުކާރެއް ހިންގުމަކީ ކޯލިޝަނެއް ދަމަހައްޓަން އެނގުން ނޫން ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިއަަހަރުގެ ރިޔާސީ އިންތިޚާބަށް، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ފެކްޝަނުން ގެންގުޅެނީ، އަނެއްކާވެސް ކޯލިޝަން ސަރުކާރެއްގެ ވިސްނުމެވެ. މި މަހުގެ ފަހުކޮޅު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުވެއްޖެނަމަ، ކޯލިޝަނަކާއެކު، ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނެ ކަމަށާއި، ކޯލިޝަންގެ ބައިވެރީންގެ ތާއީދު އެމަނިކުފާނަށް އޮތް ކަަަމަށްވެސް ރައީސް ޞާލިޙު ވިދާޅުވެފައިވެއެވެ.
އާދަމް ޝަރީފު ވަނީ ކޯލިޝަންތަކުގެ ވެރިންނަށާއި، އަނބިދަރިންނަށް ވަޒީފާ ދީގެން ކޯލިޝަންގެ "މަލަރު" އެޅުމަކީ މީހުން ގެންގުޅެން އެނގުން ނޫން ކަމަށެވެ.
އާދަމް ޝަރީފު މިހެން ވިދާޅުވިއިރު، ރައީސް ޞާލިޙަކީ ހުރިހައި ފިކުރެއްގެ ސިޔާސީ ލީޑަރުންނާއެކުގައިވެސް މަަސައްކަތް ކުރެއްވޭނެ ފަދަ ބޭފުޅެއް ކަމަށް އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ.
މި ސަރުކާރަށް ސިޔާސީ ގޮތުން ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ އެންމެ ގިނަ ދުވަހު ކޯލިޝަން ދެމެހެއްޓެވުން ކަމަށްވެސް ރައީސްގެ ފެކްޝަނުގެ ބޭފުޅުން ފާހަގަކުރައްވައެވެ.