ނަޝީދުގެ ވެރިކަމުގައި އަމަލުކުރީ ސަރުކާރަކުން ރައްޔިތުންނާ ދޭތެރޭގައި އަމަލު ކުރަން ޖެހޭ ގޮތައް ނޫން
ރައީސް ނަޝީދުގެ ވެރިކަމުގައި އަމަލުކުރީ ސަރުކާރަކުން ރައްޔިތުންނާ ދޭތެރޭގައި އަމަލު ކުރަން ޖެހޭ ގޮތައް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ހއ. ކެލާއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރެއްގެ ބޭނުމަކީ ދިމާވާ ދިތި އުނދަގޫ ވަގުތުތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
އަދި 2008ވަނަ އަހަރު ދުނިޔޭގެ މާލީ ފައިސާގެ ބާޒާރުގައި ދިމާވި ދަތިތަކުގެ އަސަރު ރާއްޖެއަށް ކޮށްފައިވާ ކަމަށާއި އޭރުގެ ސަރުކާރުން ނިންމެވި ނިންމުންތަކުގެ ސަބަބުން ރައްޔިތުން ތަކުލީފުތަކެއް އުފުލަން ޖެހުނު ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
“ސިވިލް ސާވިސްގެ މުސާރަ ކުޑަ ކުރި. މުވައްޒަފުން މަދު ކުރި. މިހެންގޮސް ރައްޔިތުންނަށް ދަތި ތަކުލީފުތަކެއް އުފުލަން ޖެހޭ އެތައް ކަމެއް އެވަގުތު ކުރި. އެއީ ރައްޔިތުން އިންތިހާބު ކުރާ ސަރުކާރަކުން ރައްޔިތުންނާ ދޭތެރެގަ ކަންކުރަން ޖެހޭ ގޮތެއް ނޫން” ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން އެކަހަލަ ދަނޑިވަޅުތަކުގައި “ރިސްކު” ނަގަން ޖެހޭނީ ސަރުކާރުން ކަމަށާއި މި ސަރުކާރުން އެކަން ކުރަމުންދާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި އެގޮތުގެ މަތިން ރައްޔިތުންނާއެކު އެމްޑީޕީ ކުރިޔަށް ދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.