ބިއްޖެހިފައިވާ ޖީލެއްގެ ލޯ ހުޅުވައިދިނީ މި ސަރުކާރުން: އަޙްމަދު އަބްދުﷲ

މި ވެރިކަމުގައި ބިއްޖެހިފައިވާ ޖީލެއް, ލޯ ހުޅުވިފައިވާ ޖީލަކަށް ބަދަލުކޮށް ދެއްވާފައިވާ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙަށް ކެންޕެއިން ކުރެއްވުމަށް ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަޙްމަދު އަބްދުﷲ ވިދާޅުވީ، ރައީސް ޞާލިޙްގެ ސަރުކާރުން ޒުވާން ޖީލެއް ބިކަ ވަމުން ދަނިކޮށް ސަލާމަތްކޮށްދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން އެންމެ ފުރިހމައަށް ކޮށްދެއްވި ބޭފުޅަކީ ރައީސް ޞާލިޙް ކަމަށާއި ރާއްޖެ ތަރައްޤީކުރަން ތައުލީމީ ޖީލެއް ބިނާ ކުރުމުގެ މުހިންމުކަން އެމަނިކުފާނަށް ވިސްނިވަޑައިގަންނަވާ ކަމަށެވެ.
އަޙްމަދު އަބްދުﷲ ވަނީ ދިއްދޫގައި އަޅަަމުންދާ ޖޫނިއަރ ކޮލެޖުން އެކަން އިނގިގެންދާ ކަމަށް ވިދާޅުވެފައެވެ. އަދި ހިލޭ ޑިގްރީގެ މަޝްރޫއަކީ ޒުވާން ރަނގަޅު ޖީލެއް ބިނާ ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން އަޙްމަދު އަބްދުﷲގެ ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފޯރުކޮށްދިނުމަށް ވެސް މި ސަރުކާރުން ދީފައިވާ އިސްކަމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ވެރިކަމަށް މީހަކު ގެންނަނީ ރައްޔިތުން އެދޭ ރައްޔިތުން ބޭނުންވާ ކަންކަމުގެ ވިސްނުމާއި ހުނަރާއި އެކަންކަން ކުރައްވާނެ ގޮތުގެ ޕްލޭން އެއް އޮތުމުން ކަމަށް ވިދާޅުވިއެވެ.