ޚަބަރު

ސަމާހު ގޭ ބަންދު ކުރުން، އެމްޖޭއޭއިން ކުށްވެެރި ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅުން ކުރަމުން އަންނަ މުޒާހަރާތައް ކަވަރު ކުރުމުގެ ތެރެއިން ޗެނަލް13ގެ ސީއޯއޯ މުހައްމަދު ސަމާހު ހައްޔަރުކޮށް، ކޮންމެ ދުވަހަކުވެސް 12 ގަޑިއިރަށް ގޭބަންދު ވާގޮތަށް ޝަރުތު ކުރުމުން، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން(އެމްޖޭއޭ)އިން އެކަން ކުށްވެރި ކޮށްފިއެވެ.

Ads by STELCO

އެމްޖޭއޭއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އޭނާ ހައްޔަރު ކޮށްފައިވަނީ ފާސް އަޅައިގެން އުޅެނިކޮށް ކަމަށެވެ.

އަދި އޭނާ މުޒާހިރާކުރާ ސަރަހައްދަށް ގޮސްފައިވަނީ ޗެނަލް13ގެ ލައިވްއަށް މައްސަލައެއް ޖެހިގެން އެކަން ހައްލުކުރުމަށް ކަމަށް ސަމާހު އެމްޖޭއޭއަށް މައުލޫމާތު ދީފައިވާކަމަށާއި، އޭނާ މުޒާހަރާއަށް މީހުން އެއްކުރުމަށާއި އަދި އާންމު ދަތުރުފަތުރަށް ހުރަސް އަޅާފައިވާކަމަށް ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާކަމަށްވެސް އެމްޖޭއޭގެ ބަޔާނުގައި ވެއެވެ.

އެމްޖޭއޭއިން ނެރެނު ބަޔާނުގައި އިތުރަށް ވަނީ އޭނާ ބަންދުން ދޫކޮށްލިއިރު ކޮންމެ ދުވަހަކުވެ ރޭގަޑު 6 އިން ހެނދުނު 6 އަށް ގެއިން ބޭރަށް ނުނިކުތުމަށް ޝަރުތު ކޮށްފައިވުމުގެ ސަބަބުން އޭނާގެ ނޫސްވެރިކަމުގެ ހައްގަށް ހުރަސް އެޅިފައިވާ ކަމަށެވެ.

އަދި ޗެނަލް13ގެ ސީއޯއޯގެ މަސްއޫލިއްޔަތު އަދާކުރުމަށް ރޭގަޑު ވަޒީފާއަށް ނުކުތުމަށް އޭނާ ޕޮލިހުގައި އެދުމުން އޭނާއަށް އެފުރުސަތު ދީފައި ނުވާކަމަށް އޭނާ އެ ޖަމިއްޔާއަށް މައުލޫމާތު ދީފައިވާކަމަށްވެސް އެމްޖޭއޭގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ސަމާހު މީގެ ކުރިން "ދެން"އަށް ބުނެފައިވަނީ، 30 ދުވަހަށް ގޭ ބަންދު ކުރިޔަސް، އޭނާގެ ދޫ ބަންދު ނުކުރެވޭނެ ކަމަށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!