ޚަބަރު ސިޔާސީ

އެތައް މަޝްރޫޢުއެއް އެބަ ހިންގާ، މިއީ އެއް ދުވަހުން ނިމޭނެ ކަންތައްތަކެއް ނޫން: ރާއީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައްޔިތުން ބޭނުންވާ މަޝްރޫޢުތައް ސަރުކާރުން ހިންގަމުން އަންނަ ކަމަށާއި، މިއީ އެއް ދުވަހުން ނިމޭނެ ކަންތައްތަކެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

Ads by STELCO

މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް، އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު، އިއްޔެ ވަނީ ހދ.ކުމުންދޫއަށް ވަޑައިގެންފައެވެ. އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ މަޝްރޫޢުތައް "އަންނަނީ އަންނަނީ" ކަމަށް ވިދާޅުވެ، ބައެއް ފަރާތްތަކުން ފާޑު ވިދާޅުވަމުން ގެންދަވާއިރު، ދުނިޔެ ދެމިއޮތްހައި ހިނދަކު ކުރަން ހުރި ކަންކަމަށް ނިމުމެއް ނާންނާނެ ކަމަށާއި، އަބަދުވެސް އަންނަން ޖެހޭ ކަންތައްތަކެއް، އަދި ކުރަން ހުރި ކަންތައްތަކެއްވެސް ހުންނާނެ ކަަމަށެވެ.

ރާއީ ވިދާޅުވީ ކައުންސިލުތަކުގެ މެމްބަރުންގެ އަދަދު އިތުރުކޮށް، އެމީހުންގެ މުސާރަ ބޮޑު ކުރުމާއި، މުދައްރިސުންގެ މުސާރަ ބޮޑު ކުރުންފަދަ ކަންތައްތަކަކީ "އަންނަނީ އަންނަނީ"ގައި ހުއްޓިފައި ހުރި ކަންކަން ނޫން ކަަމަށާއި، އެއީ ވެ ނިމިފައިވާ ކަންކަން ކަމަށެވެ.

ރާއީ އިތުރަށް ވިދާޅުވީ ސަރުކާރުން ގިނަ ރަށްތަކެއްގައި އެތައް މަޝްރޫޢުއެއް ހިންގަމުންދާއިރު، އެ މަޝްރޫޢުތަކުގެ ވާހަކަ ވަކި ވަކީން ކިޔުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ އެތައް ކަމެއް ކޮށްދޭން މަސައްކަތް ކުރާއިރު، އެއީ އެންމެ ދުވަހަކުން ނިންމައިލެވޭނެ މަޝްރޫޢުތައް ނޫންކަން ޤަބޫލު ކުރަން ޖެހޭ ކަމަށްވެސް ރާއީ ވަނީ ވިދާޅުވެފައެވެ.

"ރައީސުލްޖުމްހޫރިއްޔާ، އަޅުގަނޑުމެން އައްޔަނު ކުރަނީ، ފަސް އަހަރުގެ ދައުރަކަށް. ފަސް އަހަރުގެ ޓާމެއް ނިމުނީމަ މަސައްކަތް މިނެ ކިރަންވާނީ. އެހެންވީމަ، އަޅުގަނޑަށް ޝައްކެއްވެސް ނެތް، މި ފަސް އަހަރުގެ ތެރޭގަ، ކުޑަ ޒައްރެއްގެ މިންވަރުވެސް ނެތް، ރައީސުލްޖުމްހޫރިއްޔާ، ރާއްޖޭގެ ރަށްތަކަށް ވެފައިވާ ވަޢުދުތައް ފުއްދަވާނެ ކަމުގެ."

ރާއީގެ ވާހަކައިގައި ކުރީ ސަރުކާރަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ ސަރުކާރުން ކުރިހައިވެސް މަސައްކަތަކީ ހދ.ކުުމުންދޫގައި މިސްކިތެއް އިމާރާތް ކޮށްލުން ކަމަށް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ސޭކުސްތާން

    ކަލޭ ވަރަށް ބޮޑު [ބިޔަ] އެކަމަކު،ނަޒާޙަތްތެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު،ސިކުނޑި ވަރަށްކުޑަ.