ޚަބަރު ސިޔާސީ

ރައީސް ޔާމީން ހުންނެވީ ފިސާރި ގަދަކޮށް: އަބްދުއްރަޙީމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޕީއެންސީގެ ރައީސް އަބްދުއްރަޙީމް، އަދި ރައީސް ޔާމީން އަބްދުލްޤައްޔޫމް--

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، އަދި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމާ ބުދަ ދުވަހު ބައްދަލުވި ކަމަށާއި އެމަނިކުފާނު ހުންނެވީ ފިސާރި ގަދަކޮށް ކަމަށް ޕީއެންސީގެ ރައީސް، އަބްދުއްރަހީމް ވިދާޅުވެއްޖެއެެވެ.

Ads by STELCO

ރައީސް ޔާމީނާއި ބައްދަލު ކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި އަބްދުއްރަހީމް ވިދާޅުވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސަވާނެކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. އަދި އަޅުވެތިކަމަށް ބޯ ނުލަންބަވާނެކަމާއި މަޢުޞޫމްކަން ސާބިތުކޮށް ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވާ ކަަމަށެވެ.

ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި ރިޝްވަތު ޤަބޫލު ކުރައްވައި، މަނީ ލޯންޑަރ ކުރެއްވި ކަމަށް ތުހުމަތު ކުރައްވައި އުފުލި ދެ ދަޢުވާ ޘާބިތުވާ ކަމަށް ކަނޑައަޅައި، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަކް ކޯޓުން ޙުކުމް ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ ޙުކުމް އިސްތިއުނާފު ކުރައްވާނެކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުން ވިދާޅުވެފައިވެއެވެ.  ވަކީލުން ވަނީ، އިސްތިއުނާފީ ކޯޓުން އެމަނިކުފާނުގެ މައުސޫމްކަން އަނެއްކާވެސް ރައްޔިތުންނަށް ހާމަވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި، އިދިކޮޅު ކޯލިޝަނުން ދަނީ ސިލްސިލާ ގޮތެއްގައި އެއްވުންތައް ބާއްވަމުންނެވެ. އިދިކޮޅުން ބުނަމުން ދަނީ، މިހާރު ކުރިއަށް ގެންދާ ހަރަކާތްތައް ހުއްޓައިލާނީ، ރައީސް ޔާމީން މިނިވަންކޮށް، އެމަނިކުފާނަށް، މި އަހަރުގެ ސެޕްޓެމްބަރުމަހުގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ފަހުގައި ކަމަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!