ޚަބަރު ސިޔާސީ

އެމްޑީޕީއަށްޓަކައި އަނިޔާ ތަހައްމަލު ކުރި މީހުން ދޫކޮށްނުލާނަން: ރައީސް ޞާލިޙު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އެމްޑީޕީ ކުރިއަށް ކެމްޕެއިންގެ ތެރެއިން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، އެމަނިކުފާނުގެ ޓީމުގެ ބައެއް މެމްބަރުންނާއެކު--

ވެެެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށްޓަކައި މަގުމަތީގައި އުޅެ، އަނިޔާވެރިކަން ތަހައްމަލު ކުރި، އެ ޕާޓީގެ "އެކްޓިވިސްޓުން" ދޫ ނުކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޞާލިޙު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ށ. ކަނޑިތީމަށް ވަޑައިގެން ، އެރަށުގައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީގެ އިސްލާހީ މަސައްކަތްތަކުގެ ތެރެއިން، އެ ޕާޓީގެ ގިނަ ބަޔަކަށް ލިބުނު އަނިޔާގެ ހަނދާންތައް އައު ކުރައްވައި، ޕާޓީއަށްޓަކައި ޤުރުބާންވި މީހުންގެ އަގު ވަޒަން ކުރައްވާނެ ކަމުގެ ޔަޤީންކަން އެރުވިއެވެ.

"އަޅުގަނޑުގެ ކުރިމަތިން މި ފެންނަނީ ޖަލުގެ ކުޑަގޮޅީގައި، ޙުކުމެއް ނެތި އެތައް ދުވަހެއް ހޭދަ ކުރި މީހުން. އޭގެ ތެރެއިން އެއް ބޭފުޅެއް، ޝަހީދު. އަޅުގަނޑަކަށް ނޭނގެ، ޝަހީދު ކިތައް ދުވަހު ކަމެއް، ޖަލުގައި ބޭންދީ. އެ އިޙްސާސްތައް އެބަހުރި އަޅުގަނޑުގެ."

މިގޮތުން ރައީސް ވިދާޅުވީ, ކުރީ ސަރުކާރުގައި އެމްޑީޕީ މެންބަރުން މަގުމަތީގައި އުޅުނު ގޮތަކީ ހަނދާން ނައްތާލެވޭނެ ގޮތްތަކެއް ނޫން ކަމަށާއި، އެއީ ނުވާ ކަމަކަށް ހަދާފައި ތިބެވެން ނެތް ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި، ސަރުކާރުން ތަރައްޤީ ގެނައުމުގެ މަސައްކަތުގައި ހުރިހައި ރަށަކަށްވެސް އިސްކަން ދެނީ ތަފާތު ކުރުމެއް ނެތި ކަމަށްވެސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކުން އަބަދުވެސް އިސް ކުރާނީ ރައްޔިތުން ކަމަށެވެ.

ރައީސް ވަނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް މުޙައްމަދު ނަޝީދު އަމަލު ކުރެއްވި ގޮތަށް ފާޑުވިދާޅުވެ، އޭރު ޤައުމަށް މާލީ ކްރައިސިސްއެއް ދިމާވުމުން، ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރިކަން ފާހަގަ ކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ، ކޮވިޑް-19ގެ ޕެންޑެމިކްގައި، އެމަނިކުފާނުގެ ސަރުކާރުން އެގޮތަށް އަމަލު ނުކުރާ ކަމަށެވެ.

ރައީސް ޞާލިޙާ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވާދަ ކުރައްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. ރައީސް ޞާލިޙުގެ ކެމްޕެއިން ޓީމުން، މާދަމާ ރޭ އާޓިފިޝަލް ބީޗު ސަަަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!