މިސަރުކާރުން ފުވައްމުލަކުގެ ތަރައްޤީއަށް ކޮށްދެއްވި މަސައްކަތަށް ބަލައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ފުވައްމުލަކުން ދެއްވާނީ އޭ ޕްލަސް ކަމަށް ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބަށް ކުރައްވަމުން ގެންދަވާ ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފުވައްމުލަކަށް ވަޑައިގެން އެސިޓީގައި މިރޭވަނީ ކެމްޕެއިން ޖަގަހަ އެއް ހުޅުއްވައި ދެއްވާފައެވެ. މިޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވީ ފުވައްމުލަކުގެ މަގުތަކުގެ މަޝްރޫއު މިހާރު ދަނީ ކުރެވެމުން ކަމަށާއި އެމަޝްރޫއު ވަރަށް އަވަހަށް ނިންމާލާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
މީގެއިތުރުން ފުވައްމުލަކުގެ ހައުސިން މަޝްރޫއާ ބެހޭގޮތުން ވާހަކަދައްކަވަމުން މޭޔަރ ރަފީގު ވިދާޅުވީ ސަރުކާރުން ފުރަތަމަ ހާއްސަކުރީ 200 ހައުސިން ޔުނިޓް ކަމަށް ވިޔަސް އިތުރު 200 ޔުނިޓް ހަދައި ދިނުމަށް ކައުންސިލުން އެދުމުން އެ ކަން ރައީސް ވަނީ ކޮށްދެއްވާފައިކަމަށެވެ. އެގޮތުން އެމަޝްރޫއު މިހާރު ވަނީ އިއުލާންކޮށްފައިކަމަށާއި އެމަޝްރޫއު އޮތީ ޓެންޑާ ބޯޑުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މޭޔަރ ރަފީގު ވިދާޅުވި ގޮތުގައި އޭނާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއެކު ނުކުންނެވީ ފުވައްމުލަކުގެ ތަރައްޤީގެ ބައިވަރު ޕްރޮޖެކްޓްތައް ހުރުމުން ކަމަށާއި އެ ޕްރޮޖެކްޓްތައް ފުރިހަމަ ކޮށްދެއްވާނެކަމުގެ ޔަގީންކަން ލިބުމުންނެވެ. ހަމައެކަނި އަޑުއައްސަވާފައި ރައީސް ނިންމައި ނުލައްވާކަން ފާހަގަ ކުރައްވައި މޭޔަރ ވިދާޅުވީ ރައީސް އާއެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ ކަމަށާއި ފުވައްމުލަކުގެ މީހުން އެދޭ ކަންކަން ކޮށްދެއްވާ ކަމަށެވެ.