ރަށް ރަށަށް އަރާލުމަށްފަހު 360 ޑިގްރީއަށް އެނބުރިލާއިރު، ކޮންމެ ދިމާލަކުން ފެންނަނީ ތަރައްގީ: ޒަރީރު

ކެމްޕޭނުގައި ރަށްރަށް އަރައިގެން 360 ޑިގްރީއަށް އެނބުރިލާއިރު ކޮންމެ ދިމާލަކުންވެސް ފެންނަނީ ތަރައްގީގެ މަޝްރޫއުތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއެކު އއ. މާޅޮހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ ކެމްޕޭނުގައި ވަރަށް ގިނަރަށްރަށަށް ދެވިއްޖެ ކަމަށާއި ކޮންމެ ރަށަކުންވެސް ފެނިގެންދަނީ ތަރައްގީގެ މަޝްރޫއުތައް ކަމަށެވެ.
"އަޅުގަނޑުމެން ހަމަ އަރާލި ކޮންމެ ރަށަކުންވެސް ބަނދަރަށް ވަންނަ އިރު ބައެއް ރަށްރަށުގެ ބަނދަރު ނިމިފައި. އަނެއްބައި ރަށްރަށުގެ ބަނދަރުތައް ހެދެމުން ދަނީ އެއްގަމަށް އަރާލީމަ ފެންނަނީ ކުޑަކުދިންގެ ޕާކް ކުޑަތަންކޮޅެއް ޖެހިލީމަ މިފެންނަނީ ކޮންތަނެއް ޖިމް. އަދި އެއަށްވުރެ އެތެރެއަށް ޖެހިލީމަށް ހަދަމުންދާ މިސްކިތްތައް ތަންކޮޅެއް އަރިމައްޗައް ޖެހިލީމަ މިފެންނަނީ ސުކޫލު އިމާރާތްތައް ކުޑަކޮށް މީހުންނާ ދުރަށް ޖެހިލީމަ އަވަށާއި ދުރަށް ޖެހިލީމަށް ފެންނަނީ ފުޓުބޯޅަ ދަނޑުތައް ފުޓުސަލް ދަނޑުތައް 360 ޑިގްރީއަށް އެނބުރިލީމަ މިހުރިހާތަނެއް އެއްކޮށް މިފެންނަނީ މިއެއްނޫންތޯ އަޅުގަނޑުމެން ބޭނުންވާ ތަރައްގީއަކީ" މެމްބަރު ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ ތައްޔާރުވަމުންދާ އިންތިހާބުގައި ހޮވަން ބޭނުންވަނީ ގިނަ ލީޑަރުންނާއެކު މަސައްކަތް ކުރައްވަން ދަންނަ ބޭފުޅެއްކަމަށާއި އެލީޑަރަކީ ހަމައެކަނި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކަމަށެވެ.
އޭނާ ވިދާޅުވީ މަތިވެރި ދާއިރާގެ ތާރީހުގައިވެސް ނިމިދިޔަ 40 އަހަރު ދުވަހު ނުކޮށްދޭހާ ގިނަ ކަންތައްތައް ރައީސް ޞާލިހުގެ ޒައާމަތުގައި 4 އަހަރު ތެރޭގައި ކޮށްދެއްވައިފައިވާކަމަށާއި އެހެންކަމުން ރައީސް ޞާލިހު ނޫން ޗޮއިސް އެއް ނެތްކަމަށެވެ.