ދުނިޔެ

މި އަހަރުގެ ހައްޖަށް، ދެ މިލިއަން މީހުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި އަހަރުގެ ހައްޖުގެ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ދެ މިލިއަން މުސްލިމުން ބައިވެރިކުރުމަށް ސައުދީން ތައްޔާރުވަމުން އެބަ ދެއެެެވެ.

Ads by Sosun Fihaara

ސައޫދީ އަރަބިއްޔާގެ ހައްޖާއި އުމްރާގެ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ތައުފީގު އައްރަބީއާ މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، އެ ޤައުމުގެ ސަރުކާރުން މިހާރު ނިންމާފައިވަނީ، ކޮވިޑް-19 ފެތުރެން ފެށުމުގެ ކުރިން ހައްޖުގެ އަޅުކަމުގައި މީހުން ބައިވެރިވި އަދަދަށް މިއަހަރުގެ ހައްޖުގައި ބައިވެރިކުރުމަށެވެ.

ކޮވިޑްގެ ޕެންޑެމިކްގެ ތެރޭގައި ހައްޖާއި އުމްރާގައި ބައިވެރިކުރާ މީހުންގެ އަދަދު މަދުކުރުމާ ގުޅިގެން އިގްތިސާދީ ގޮތުން ލިބުނު ގެއްލުން ފޫބެއްދުމުގެ ގޮތުން ސައޫދީ ސަރުކާރުން ވަނީ ހައްޖާއި އުމްރާގައި ބައިވެރިވާ މީހުންނަށް އިތުރު އިނާޔަތްތައް ހަމަޖައްސައިފައެވެ. އޭގެ ތެރޭގައި، އުމްރާގެ އަޅުކަމަށް ދޫކުރަމުން އައި 30 ދުވަހުގެ ވިސާގެ މުއްދަތު މިހާރުވަނީ 90 ދުވަހަށް އިތުރުކޮށްފައެވެ.

އަދި ޚާއްސަ ވިސާއެއްގައި ނޫނީ އުމްރާގެ އަޅުކަން އަދާނުކުރެވޭ ގޮތަށް އޮތް އުސޫލު ބަދަލުކޮށް، ކޮންމެ ކަހަލަ ވިސާއެއްގައި ސައޫދީ އަށް އެތެރެވުމަށް ފަހު ވެސް، އުމްރާގެ އަޅުކަން ކުރެވޭ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފައެވެ.

އޭގެ އިތުރުން، އުމްރާގައި ބައިވެރިވާ މީހުންގެ އިންޝޫރެންސްގެ ގޮތުގައި ކުރިން ނަގަމުން އައި 235 ރިޔާލު މިހާރު ވަނީ 88 ރިޔާލަށް ކުޑަކޮށްފައެވެ.

އަދި ހައްޖުވެރިންގެ އަތުން އިންޝޫރެންސްގެ ގޮތުގައި ނަގަމުން އައި 109 ރިޔާލުން 73 ޕަސެންޓް އުނިކޮށް، މިއަހަރުން ފެށިގެން ނަގާނީ އެންމެ 29 ރިޔާލެވެ. އަދި އުމްރާ ވިސާގައި އެތެރެވުމަށް ފަހު، ސައޫދީ އަރަބިއްޔާގެ ކޮންމެ ތަނަކަށް ވެސް މިހާރު ދަތުރުކުރެވޭނެއެވެ.

ކުރިން އޮތް ގޮތުން ނަމަ، ހައްޖާއި އުމްރާގެ ވިސާގައި އެތެރެވުމަށް ފަހު ދަތުރުކުރެވޭނީ މައްކާ އާއި މަދީނާގެ އިތުރުން، ހައްޖުގެ އަޅުކަމާއި ނަބަވީ ޒަމާނާ ގުޅުން ހުރި ބައެއް އާސާރީ ސަރަހައްދުތަކަށެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!