ޚަބަރު

އުރީދޫ ކަލަންޑަރ 2023: ރާއްޖޭގައި އާންމުކޮށް ފެންނަ 12 މާ ގަހުގެ އޮށާ އެކު އޭއާރް ގެ ތަޖުރިބާއެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

"ގްރޯ ވިތް އުރީދޫ" މި ޝިއާރުގެ ދަށުން ރާއްޖޭގައި އާންމުކޮށް ހެދޭ ގަސްގަހުގައި އަޅާ ރީތި މާތައް ދައްކުވައިދޭ އުރީދޫ މޯލްޑިވްސް ގެ 2023 ވަނަ އަހަރުގެ ޑެސްކް ކަލަންޑަރުން މިއަދު އިފްތިތާހުކޮށްފިއެވެ.

Ads by Sosun Fihaara

ގްރޯ ވިތް އުރީދޫ ޝިއާރު މި އަހަރުގެ ކެލެންޑަރ އަށް ހަމަ ޖައްސާފައިވަނީ 2023 އަކީ އުރީދޫ އަށް 18 އަހަރު ފުރޭ އަހަރު ކަމަށްވުމުންނެވެ. މިއަދު ލޯންޗުކުރެވުނު މި ކަލަންޑަރުގައި ރާއްޖެއިން އާންމުކޮށް ފެންނަ މާމެލާމެލި އީޖާދީ އޮގްމެންޓެޑް ރިއަލިޓީ ޙިދުމަތް މެދުވެރިކޮށް ތަޖުރިބާ ކޮށްލުމުގެ އިތުރުން ކޮންމެ މަހަކަށް ހާއްސަ ކުރެވިފައިވާ މާ ގަހުގެ އޮށާއި ގަސް އިންދުމަށް 12 ގަސް ޕޮޓުވެސް ކަލަންޑަރާއެކު ލިބެއެވެ.

ސަލްޓަން ޕާކުގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި ކަލަންޑަރ އިފްތިތާހުކުރެވިގެން ދިޔައީ ވަޑައިގެންތިއްބެވި ބޭފުޅުން ކަލަންޑަރު ލާފައިވާ ފޮށިގަނޑު ހުޅުވާލުމުން އުދުހިގެން ދިޔަ ކޮކާތަކަކުންނެވެ.

ކަލަންޑަރުގައި ކޮންމެ މަހެއްގައި ކުރު ތައާރަފަކާއެކު ރާއްޖޭގައި އާއްމުކޮށް ފެންނަތަފާތު މަލެއް ދައްކުވައިދެއެވެ. ކަލަންޑަރު ބޭނުންކުރާ ފަރާތްތަކަށް އެ މަހަކަށް ޙާއްސަކޮށްފައިވާ ސޮފްހާގައި ފެނިގެންދާ ސްނެޕްޗެޓް ކޯޑް ސްކޭންކޮށް އެ މަހަކަށް ހާއްސްކޮށްފައިވާ މާ އޮގްމެންޓެޑް ރިއަލިޓީ ތަޖުރިބާއެއްވެސް ލިއްބައިދެއެވެ.

އޭއާރްފީޗާގެ އިތުރުން ހުރިހާ އުމުރުފުރައަކާ ގުޅުވާލާ، ކޮންމެ މަހަކަށް ޙާއްސް ކުރެވިފައިވާ މާ ގަހުގެ އޮށާ ގަސް އިންދުމަށް 12 ޕޮޓް ކަލަންޑަރުގައި އެކުލަވައިލައިފައެވެ. ކަލަންޑަރާއެކު ލިބޭ 12 ގަހުގެ އޮށް ހިމަނައިގެން ހަދާފައިވާ ކަރުދާހެއް ވަނީ އެ މަހަކަށް ހާއްސަ ކަލަންޑަރު ސޮފްހާގައި ހިމަނާފައެވެ. މި ކަރުދާހުގައިވާ އޮށް އިންދާނެ ގޮތުގެ ގްރޯ ގައިޑެއްވެސް އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. ކަލަންޑަރު ޕޭޖްގައި ވާ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން ގްރޯ ގައިޑް ހުޅުވިގެންދާނެއެވެ.

ކަލަންޑަރު ލޯންޗުކުރުމުގެ އިތުރުން މި ހަފްލާގައި އުރީދޫ މޯލްޑިވްސް އިން ވަނީ ގްރޯ ވިތް އުރީދޫ ކެމްޕެއިން އެމްބެސެޑަރަކަށް ރަމްޒީ ހުސައިން، ޒުވާން ދަނޑުވެރިޔާ ވެސް އިއުލާނުކޮށްފައެވެ. ގްރޯ ވިތު އުރީދޫ ކެމްޕެއިންގެ ދަށުން ޒުވާން ދަނޑުވެރިޔާ އާއި އެކު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވައިފާވާކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އުރީދޫމޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް ކޮމަރޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވީ އުރީދޫ ކަލަންޑަރު 2023 އަކީ އޮގްމެންޓަޑް ރިއަލިޓީ އާއި އެކު ރާއްޖޭގައި ހެދޭ ރީތި މާތައް ދައްކުވައިދޭ އީޖާދީ ކަލެންޑަރެއް ކަމަށެވެ. 

“ މި ކެލަންޑަރުން އޮގްމެންޓަޑް ރިއަލިޓީގެ އެހީގައި ރާއްޖޭގައި އާންމުކޮށް ފެންނަ މާތައް ކޮންމެ ތަނެއްގައި ހުރެގެންވެސް ތަސައްވުރު ކޮށްލެވޭނެ. މީގެ އިތުރުން ގަސް އިންދުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކޮންމެ މަހަކަށް ހާއްސަ ކޮށްފައިވާ މާ ގަހުގެ އޮށާއި ގަސް އިންދާނެ ޕޮޓުވެސް ވާނީ ހިމަނާފަ. މި ކަލަންޑަރުގެ ސަބަބުން އަޅުގަނޑުމެންގެ އުއްމީދަކީ ވީހާވެސް ގިނަ މީހުން އަމިއްލަ އަށް ގަސްގަހާގެހި ހައްދައި، ގުދުރަތުގެ އަގު ވަޒަންކުރުމަށް އިތުރުހިތްވަރެއް ލިބިގެންދާނެ ކަމަށް” ނިޔާޒް ވިދާޅުވިއެވެ. 

މީގެ އިތުރުން އުރީދޫއާ އެކު މިއަހަރުގެ ކަލަންޑަރުގެ ޝިއާރުގެ ދަށުން އުރީދޫގެ ކެމްޕެއިން އެމްބެސެޑަރ، ޒުވާން ދަނޑުވެރިޔާ އާއެކު މި މެސެޖް އިތުރަށް ކުރިއަށް ގެންދިއުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ. 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!