ލޯބިވެރިޔާ މާ ގިނަ ވަގުތު ޚަބަރެއް ނުވެ އުޅޭނަމަ، އެކުގައި ނޫޅެވޭނެ: ނޯރާ
ފިރިހެނެއްގެ އެންމެ ވަރުގަދަ "ރެޑް ފްލެގް“ އަކީ ނުވަތަ ނޫޅެވޭނެކަމުގެ އެންމެ ވަރުގަދަ ނިޝާނަކީ ވާނުވާ ނޭނގި އެމީހަކު ގެއްލޭނަމަ ނުވަތަ ދުރުގަ ހުންނަނަމަ ކަމަށް ބޮލީވުޑް ތަރި ނޯރާ ފަތޭހީ ބުނެފިއެވެ.
މީގެ ކުރިން އަޑު ފެތުރުނު ގޮތުންނަމަ ނޯރާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ މަޝްހޫރު ކޯންމޭން ސުކޭޝް ޗަންދްރަސޭކަތްއާއެވެ. ސުކޭޝް ފަހުން ވަނީ ބަތަލާ ޖެކޮލިން ފާނެންޑޭޒްއާ ލޯބީގެ ގޮތުން ގުޅިފައެވެ. މިސަބަބަށްޓަކައި ޖެކޮލިން އާއި ނޯރާއާއި ދެމެދު މައްސަލަ ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ކަމާ ގުޅޭގޮތުން ނޯރާ އަދިވެސް ވާހަކައެއް ނުދައްކައެވެ. އެހެންނަމަވެސް ނުސީދާކޮށް އޭނާ ވަނީ ސުކޭޝް އަކީ އެއްވެސް އަންހެނަކާއިއެކު އުޅެވޭނެ މީހެއް ނޫންކަމަށް ބުނެފައެވެ. ނޯރާ ބުނީ ފިރިހެނަކު ލޯބީގެ ގޮތުން ގުޅިގެން އުޅެމުން މާ ގިނަ ވަގުތަށް ވާނުވާ ނޭނގި ގެއްލޭނަމަ އެއީ އެމީހަކާއިއެކު ނޫޅެވޭނެ ކަމުގެ ނިޝާނެއް ކަަމަށެވެ.
މިސާލު ދެމުން އޭނާ ބުނީ ދެ ތިން ދުވަހު ވަރަށް ލޯބިން ވާހަކަ ދައްކާފައި އުޅުމަށް ފަހު ކުރިއަށް އޮތް ހަފްތާ އެއްވެސް ވަރަކަށް ޚަބަރެއް ނުވެ ހުންނަ ނަމަ، އެއީ މައްސަލައެއް ކަމަށެވެ. އަދި އޭގެ މާނައަކީ އެކަކަށްވުރެއް ގިނަ އަންހެން ކުދިންނާ އެމީހަކު ވާހަކަދައްކަނީ ނުވަތަ ގޯސް ކަމެއް ކުރަނީ ކަމަށް ނޯރާ ބުންޏެވެ.
މިކަން ދިމާވީތޯ ނޯރާއާ ސުވާލު ކުރުމުން އޭނާ ބުނީ އެއީ ހަމަ ބުނާ ވާހަކައެއް ކަަމަށެވެ. އިތުރަށް ވާހަކައެއް ނުދެއްކި އެވެ.
މީގެ އިތުރުން ނޯރާ ބުނީ ލޯބީގެ ގޮތުން ގުޅިގެން އުޅުވުމަށްފަހު ދުރުވާ ފަހުން ކުރެވޭނެ އެންމެ ގޯސް ކަމަކީ އަނެކާގެ އަމިއްލަ ވާހަކަތައް އެހެން މީހުންނާއި ހިއްސާ ކުރުންކަމަށެވެ. އަދި އޭނާ އެފަދަ އެއްވެސް ކަމެއް ނުކުރާ ކަމަށްވެސް ބުންޏެވެ.
ފަހަރުގައި ނޯރާ އޭނާގެ ލޯބިވެރިޔާ ސުކޭޝް އާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދައްކަނީ މިސަބަބަށްޓަކައި ކަމަށް ވެދާނެއެވެ.