ރައީސް ނަޝީދު ބަލި ޤަބޫލު ކުރައްވައިފި، ވިދާޅުވީ ރައީސް ޞާލިޙް ކުޑަ ތަފާތަކުން މޮޅުވެއްޖެ ކަމަށް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙް، ރައީސް ނަޝީދުގެ މައްޗަށް ކުރި ހޯއްދަވާފައިވާ ކަމަށް ރައީސް ނަޝީދު އެއްބަސްވެ ވަޑައިގެންފިއެވެ.
ޕްރައިމަރީ ރައީސް ޞާލިޙް ވަނީ ވޯޓްލީ މީހުންގެ 61 އިންސައްތަ ކާމިޔާބު ކުރައްވާފައެވެ. އެއީ 24،572 ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓެވެ.
"އިންތިޚާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފިނަމަ، ރައީސް ޞާލިޙަށް ލިބުނު ކަމަށް ބުނާ ވަރަށް ގިނަ ވޯޓް އުނިވާނެ. އެހެނަސް އަޅުގަނޑު ލަފާ ކުރަނީ ވޯޓް ލީ ވޯޓާސް ލިސްޓަށް ބަލައިފިނަމަ ކުޑަ ފަރަގަކުން ރައީސް ޞާލިޙް މޮޅުވާނެ ކަމަށް. އަޅުގަނޑަށް ފެންނަނީ ރައީސް ޞާލިޙާއެކު ގޮސް 2023 ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށް" ރައީސް ނަޝީދު މިއަދު އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު ވޯޓުލާފައިވަނީ 40،887 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 71 ޕަަސެންޓެވެ.
މި އިންތިޚާބަށް ފަހުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، ޕާޓީގެ ތެރޭގައި އޮތް ބައިބައިވުމާ ވާދަވެރިކަން ހަނދާން ނައްތާލައި، އެމްޑީޕީއަށް މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް، ޕާޓީގެ ހުރިހައި މެމްބަރުން ގުޅިގެން މަަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެ މަނިކުފާނު ހުންނެވީ އެމްޑީޕީއާއެކުގައި ކުރިއަށް ވަޑައިގަންނަވަން ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ.
ފަހުވަގުު ޖެހޭނީ ސާލިހަށް ސަޕޯޓު ކުރަން ..ނޫނީ ވާނީ ބާކީ..ވަރަށް ސާފު.